ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު 10 މިލިއަން ރުފިޔާއަށް ކުޑަކުރުމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޖަމީލް އުސްމާނެވެ. މި ބިލު ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައިވަނީ ދައުލަތުގެ މާލީ ސިޔާސަތު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭނެކަމަށް މިހާރު ކަނޑައަޅާގައިވާ މިންވަރު ދައުލަތަށް އަޅާ ކިޔޭނެ މިންގަނޑެއްގައި ހިފެހެއްޓުމަށް ކަމަށް ބުނެފައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދޫކުރެވޭ ފައިސާ ކަމުގައި ބަޖެޓްގައި ކަނޑައެޅޭނީ އެ އަހަރަކު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ކަނޑައަޅާ އަދަދުގެ 0.05 އިންސައްތަ ކަމުގައި ވީނަމަވެސް ދޫކުރެވޭ ފައިސާގެ ޖުމްލަ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލަށް ބަލާއިރު، މިހާރު އޮންނަ ގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް އެޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހެއްގެ ބޮލަކަށް 251.58 މަގުން ފައިސާ ދޭން ޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ޕީޕީއެމްގެ ރަޖިސްޓްރީގައި މިހާރު ތިބި ސާޅީސް ފަސްހާސް އަށްސަތޭކަ ފަސްދޮޅަށް ފަސް މެމްބަރުންނަށް 11.5 މިލިއަން ރުފިޔާ ދޭންޖެހެއެވެ. އެމްޑީޕީގެ ރަޖިސްޓްރީގައި ތިބި ނަވާވީސް ހާސް ހަތްސަތޭކަ ފަންސާ ނުވަ މެމްބަރުންނަށް 7.5 މިލިއަން ރުފިޔާ ދޭންޖެހެއެވެ. އެމްޑީއޭގެ ރަޖިސްޓްރީގައި ތިބި ދިހަހާސް ފައްސަތޭކަ ތިރީސް ހަތް މެމްބަރުންނަށް 2.7 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރީގައި ތިބި ދިހަހާސް ދުއިސައްތަ ފަންސަވީސް މެމްބަރުންނަށް 2.6 މިލިއަން ރުިފޔާ ޖޭންޖެހެއެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީތަކަށް ހުށަހެޅި އިސްލާހު ފާސްވެއްޖެ ނަމަ މެންބަރުން ކިތަންމެ ގިނަ ނަމަވެސް ލިބޭނީ އެންމެ ގިނަވެގެން 10 މިލިއަން ރުފިޔާ އެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވާގޮތުން ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް، ބަންދު ދުވަސް ނުހިމެނޭގޮތަށް ނިމުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދޭންޖެހެއެވެ.
ޕާޓީތަކަށް ދޭ ފައިސާ 10 މިލިއަނަށް ކުޑަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ