ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމީ އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީޒްގައި ވާދަކުރައްވާ މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެ އެކަމަށް ވައުދުވެ ވަޑައިގެންފި އެވެ.
"އަޅުގަނޑުމެން މީގެ ކުރީގައި ވެސް ކޮށްފައި އޮތީ ކުރެވޭނެ ކަމަށް މީހުން ދެކޭ ކަންކަމެއް ނޫން. ސިޔާސީ ޕާޓީ ހެދުމަކީ އެއްގޮތަކަށް ހަމަހިލާ މި ރާއްޖޭގައި ވާން އޮތް ކަމެއް ކަމަކަށް މީގެ ދެ ތިން އަހަރު ކުރިން މީހަކު ގަބޫލެއް ވެސް ނުކުރޭ. މިރޭ އަޅުގަނޑު މި ވައުދު ވަނީ އަޅުގަނޑު ހުރިހާ މަސައްކަތެއް ކުރާނަމޭ އެއް ކެންޑިޑޭޓަކު ނެރުމަށް،" މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި އެ ޕާޓީގެ އެތެރޭގެ އިންތިހާބު ނުވަތަ ރިޔާސީ ޕްރައިމަރީސްގައި އަންނިގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ. "މި ރާއްޖޭގައި އޮންނަ ގިނަ ޕާޓީތައް ވާދަކުރާ ފުރަތަމަ އިންތިހާބުގައި ނެރޭނީ ވާދަވެރި ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް. އައިޑީޕީ ވެސް އަދާލަތު ވެސް ނިއު މޯލްޑިވްސް ވެސް ސޯޝަލް ލިބެރަލް ޕާޓީ ވެސް، ދެން ހުރި ޕާޓީތައް ވެސް އަޅުގަނޑުމެންނަށް ގެނެވޭނެ އެއް ކަނދުފައްޗަކަށް. އަޅުގަނޑުމެންނަށް ނެރެވޭނެ އެއް ކެންޑިޑޭޓެއް."
އަންނި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ވާދަވެރި ފަރާތްތަކުން ބައިބައިވެގެން ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އަންނި ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު މަގުސަދަކީ ގައުމީ އިއްތިހާދުގެ މޭޒަށް ދިއުމެވެ. އެ މޭޒުގައި ކަންކަން ނިންމާނީ އެމްޑީޕީގެ ކޮންގްރެސްގެ ހިޔާލާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި "ތާހިރު ދިރިއުޅުމަށް" މި ޝިއާރުގެ ދަށުން އަންނި ކުރިއަށް ގެންދަވާ ކެމްޕޭން ފެށުމުގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެމްޑީޕީ އަށް ބާރު ފުރޮޅާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އަކީ "ދުއްޔެއްގެ ތެރޭގައި އިންނަވާ ބޭފުޅަކަށް" ނަހަދައި ފާޑުކިޔޭ ބޭފުޅަކަށް ހައްދަވާނެ ކަމަށެވެ. އަންނި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުން ބިންވެރި ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ބިމާ ގުޅޭ ކަންތައްތައް ހައްލުކުރުމަށް ކޮންގްރެސްއަށް އަޅުގަނޑު ބާރު އަޅާނެ އެއް ގޮތަކީ ރައްޔިތުން ބިންވެރި ކުރުމަށް. ބިމަކީ ގަނެ ވިއްކޭ އެއްޗެއް. ބިމަކީ ރައްޔިތު މީހާގެ މިލްކަކަށް ވާން ޖެހޭނެ. ކޮންމެހެން ބަންޑާރަ އެއްޗަކަށް ވާކަށް ނުޖެހޭ. ބަންޑާރަ އެއްޗަކަށް ބިންތައް ބާއްވާފައި އޮންނަ ހަމައެކަނި ރާއްޖެ ކަން ނޭނގޭ މިއީ. ރައްޔިތުން ބިންވެރިކޮށްގެން ނޫނީ މި ކަންކަމަށް އަޅުގަނޑުމެންނަށް ހައްލެއް ނުގެނެވޭނެ،" ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ބައްދަލުވުމުގައި އަންނި ވިދާޅުވި އެވެ.
އަންނިގެ ވާހަކައިގައި ވިދާޅުވީ އޭނާ ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރުން އެއްވެސް ވިޔަފާރިއެއް ނުކުރާނެ ކަމަށާއި އެސްޓީއޯއެއް ވެސް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރީގެ ފުރުސަތުތައް ހުޅުވިފައި އޮންނަންޖެހޭނީ އާންމުންނަށް ކަމަށާއި ސަރުކާރުގެ ވިޔަފާރިތައް އޭނާގެ ވެރިކަމެއްގައި ހުއްޓާލައްވާނެ ކަމަށެވެ.
"އާންމު ވިޔަފާރިއެއް އަދި ސިނާއީ މަސައްކަތެއް، ހަގީގަތުގައި މިއިން އެއްވެސް ކަމެއް ނުކުރެވިގެން މި އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުން ވިޔަފާރި ކުރާތީ. ސަރުކާރު ބޮޑު ވެސް ކަމުން. މި ރާއްޖޭގެ ހުރިހާ ގާބިލް މީހުން، ސަރުކާރުގައި ބޭކާރު ގޮތަށް ތަޅުލެވިފައި ވާތީ. ޑޮކްޓަރުން ތިބެނީ ނާއިބުންގެ ގޮތުގައި. ޓީޗަރުން ތިބެނީ ޕޮލިސް އިންސްޕެކްޓަރުންގެ ގޮތުގައި. ފަންނީ ގޮތުން މީހާ ތަރައްގީކޮށްގެ ގެނެސް ވެސް އެ މީހާގެ ބޭނުމެއް ނުހިފޭ. އަޅުގަނޑު ޝާމިލުވާ ވެރިކަމެއްގައި ސަރުކާރު ވާނީ، އަމިއްލަ ތަންތަނެކޭ އެއްގޮތަށް ފްރަންޓް އޮފީހަށް. ހަމަ އެންމެ މީހަކު ހުރެފައި ކޮމްޕިއުޓަރެއް ހުރެފައި އެކަންކަން ކުރެވޭނެ. އަޅުގަނޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރު ކުޑަވާނެ،" އަންނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ އެކިއެކި ފަރުދުން އެކި ފަރާތްތަކަށް ދަރާފައި ވުމަކީ ގައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަންކަން ފޮހެލަން މަސައްކަތް ކުރާނެ ކަމަށެވެ.
"އެ ދަރަނިން ސަލާމަތް ވެގެން ނޫނީ ބޯހިޔާ ކުރެވޭނެ ގޮތެއް ވެސް ނެތް. ތިން އިރު ކެވޭނެ ގޮތެއް ވެސް ނެތް. ދަރިން މަދަރުސާ އަށް ފޮނުވޭނެ ގޮތެއް ވެސް. ހުރިހާ ހާސްކަމެއް ހަގީގަތުގައި ގުޅިފައި ވަނީ އެ ދަރަންޏާ. ދަރަނިތައް އަދާކުރެވޭނެ ގޮތަކާއި އިތުރަށް ރައްޔިތުން މީހާ ދަރަނިވެރި ނުވާނެ ގޮތްތަކެއް، އަޅުގަނޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ. ހަމަގައިމު ވެސް އަޅުގަނޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ ހާސްކަން ކެނޑޭނެ ޕްރޮގްރާމެއް އަޅުގަނޑުމެން ނެރޭނަން،" އެމްޑީޕީ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަންނި ވިދާޅުވި އެވެ.
އަންނި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނުސީދާ ޓެކްސް ނެގުން ހުއްޓާލާނެ ކަމަށާއި ވާ ފައިދާއެއްގެ މައްޗަށް ބިނާކޮށްގެން ނޫނީ އެންމެ ކުޑަމިނުން ވިޔަފާރިވެރިއެއްގެ އަތުން ވެސް ޓެކްސްއެއް ނެގިގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްވެހިކަމާ ގުޅޭ ގޮތުން މިހާރު ހަދާފައި ހުރި ގާނޫނުތައް ވަރަށް ބޮޑަށް ބަދަލު ކުރައްވާނެ އެވެ.
އަންނިގެ ވާހަކައިގައި ރޭ ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލެއްވީ ވެރިކަމުގެ ދަހިވެތި ކަމުގައި ނޫން ކަމަށާއި އޭނާ އެކަމަށް ކުރިމަތިލެއްވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ސަލާމަތީ އައްސޭރިއަކަށް އެމްޑީޕީ ގެންގޮސްދިނުމުގެ ބޭނުމުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ވާދަކުރަން ނިންމެވި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ނިޒާމީ ވޯޓުގައި އެމްޑީޕީން ތާއީދުކުރި ބަރުލަމާނީ ނިޒާމު ކާމިޔާބުވެފައި ނެތް އިރު، އިސްލާހުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ފަނޑުވާނެ ކަމަށެވެ.
އަންނިގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ ޑީއާރުޕީގެ ޒައީމްކަމުން ރައީސް މައުމޫން އިސްތިއުފާ ދެއްވައި ވާދަވެރިކަމަށް އެ ޕާޓީ ހުޅުވާލުމަށް ގޮވާލައްވައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި އަންނިގެ އިތުރުން ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި ގައުމީ މަޖިލީހުގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން އަދި ރަސްމީކޮށް ކެމްޕޭނެއް ނުފައްޓަވަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް ކެމްޕޭން: އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް އަންނި ވައުދުވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ