ސިއެރެލިޔޯންގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ދިވެއްސަކަށް ފުރުސަތު ލިބިއްޖެ

އަހުމަދު ހަމްދޫން
ސިއެރެލިއޯންގައި އަންނަ މަހު ބާއްވާ އެ ގައުމުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްޓަކައި، ކޮމަންވެލްތު އޮބްޒާވަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބިއްޖެ އެވެ. މިއީ އިންތިހާބެއް އޮބްޒާވްކުރުމަށްޓަކައި ކޮމަންވެލްތު އޮބްޒާވަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ދާހިލީ ހަމަނުޖެހުން ބޮޑު، ސިއެރެލިއޯންގައި އަންނަ މަހުގެ 11 ގައި ބާއްވާ މި އިންތިހާބުގެ އޮބްޒާވަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ދިވެއްސަކީ މޯލްޑިވްސް ކޮމަންވެލްތު ޔޫތު ރެޕްރެޒެންޓެޓިވް އަދި ކޮމަންވެލްތު އޭޝިޔާ، ރީޖަންގެ ޔޫތު ވައިސް ޗެއާޕާސަން އަހުމަދު މަހުލޫފެވެ. ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އަދި ޔޫތު މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރެއްގެ މަގާމު ވެސް އަދާކުރަމުންދާ މަހުލޫފު، ސިއެރެލިއޯންގެ ރިޔާސީ އިންތިހާބުގެ އޮބްޒާވަރަކަށް ހަމަޖެއްސީ ކޮމަންވެލްތުގެ ސެކްރެޓްރީ ޖެނެރަލް ޑޮން މެކިނޮން އެވެ.
މިކަމޭ ގުޅިގެން މަހުލޫފު ނެރުނު ބަޔާނާ އެކު ޑޮން މެކިނޮންގެ ސިޓީ ވެސް މީޑިއާ އަށް ފޮނުވައިފައި ވެ އެވެ. އޭގައި ވާ ގޮތުން މަހުލޫފާ އެކު މި އިންތިހާބު އޮބްޒާވްކުރުމުގައި އެހެން ގައުމުތަކުގެ އަށް މެމްބަރަކު މަސައްކަތްކުރާނެ އެވެ. އަދި އޭނާ ސިއެރެލިއޯނަށް ދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އިން އަންނަ މަހުގެ 21 ގެ ނިޔަލަށް ކަމަށާއި އޮބްޒާވަރުންގެ ޓީމްގެ ލީޑަރަކަށް ހަމަޖައްސަވާފައި ވަނީ ސެއިންޓް ލޫސިއާގެ ކުރީގެ ބޮޑުވަޒީރު ކެނީ އެންތޮނީ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
މަހުލޫފު، ،27 މިއަދު ބުނީ ކޮމަންވެލްތު އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދިވެއްސަކަށް ވީތީ އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި މިއީ ކުރަމުން އައި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިއީ ޒުވާނަކަށް ލިބުނު ފުރުސަތެއްހެން. މިއީ އަޅުގަނޑުގެ އިތުރުން ގައުމަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރީތި ނަމެއް،" މަހުލޫފު ބުންޏެވެ.
މިއީ ސިއެރެ ލިއޯންގެ ދާހިލީ ހަނގުރާމަ 2001 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގައި ބާއްވާ ދެވަނަ ރިޔާސީ އިންތިހާބެވެ. އެންމެ ފަހުން އިންތިހާބު ބާއްވާފައި ވަނީ 2002 ވަނަ އަހަރުގެ މޭ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ