ޑީއާރުޕީ ރިޔާސީ ޕްރައިމަރީއަކަށް ނުދާނެ

30: 17 - ޑީއާރުޕީގެ ރިޔާސީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެއް ކަމަށް ކޮންގްރެސްގައި ދެންމެ ފާސް ކޮށްފި އެވެ.
ޑީއާރުޕީގެ ލީޑަރުގެ މަގާމަށް ހަމައެކަނި ކުރިމަތިލެއްވީ އަހުމަދު ތަސްމީން އަލީ ކަމަށް ވުމާ އެކު އޭނާ ވަނީ އޮޓޮމެޓިކުން އެ މަގާމަށް ހޮވިވަޑައިގެންފަ އެވެ.
ޑީއާރުޕީގެ ކައުންސިލުން ހުށަހަޅައިގެން މެމްބަރުންގެ އާއްމު ވޯޓަކުން މި ގޮތަށް މި ފާސް ކުރީ ޑީއާރުޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓް ރިޔާސީ ޕްރައިމަރީއަކުން ހޮވާ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އުމަރު ނަސީރު އިސްލާހު ހުށަހަޅުއްވާފައި ވަނިކޮށެވެ. އަދި އެކަމާ މެދު އެ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތު ވެފައި ވަނިކޮށެވެ.
އަތް ނަގައިގެން ވޯޓު ދިން 882 މެމްބަރުންގެ ތެރެއިން 841 މެމްބަރަކު ވަނީ ޑީއާރުޕީގެ އެންމެ އިސް މަގާމަކީ ލީޑަރުގެ މަގާމު ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަކީ އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތެއް ކަމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ. އެހެންކަމުން އުމަރުގެ އިސްލާހަށް ވޯޓަކަށް ނާހަ އެވެ.
މީގެ އިތުރުން ކޮންގްރެސްގައި މިއަދު ވަނީ ޑީއާރުޕީގެ ޒައީމްގެ ލަގަބު، މިހާތަނަށް އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެރުވުމަށް ވެސް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ