ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދާއިމީ ވެފައިވާ ކަމަށް ވިދާޅުވެ ރައީސަށް އުއްތަމަ ފަނޑިޔާރު ސިޓީއެއް ފޮނުއްވައިފި

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ދާއިމީ ވެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިދިޔަ ހަފްތާގައި ސިޓީއެއް ފޮނުއްވައިފި އެވެ.
އެފަދަ ސިޓީއެއް ލިބިވަޑައިގެންފައިވޭތޯ ދެންނެވުމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހައިރު ވިދާޅުވީ "އެ މޭރުމުން ލިޔެފައިވާ" ސިޓީއެއް މިދިޔަ ހަފްތާގައި ލިބިފައިވާ ކަމަށެވެ. ގާނޫނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވާ އެ ސިޓީގައި ސޮއި ކުރައްވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ އެ ސިޓީގައި ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކަށް ބެލުމުގެ މަސައްކަތް ރައީސް އޮފީހުންނާއި ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީ އަށް ޖަވާބެއް އެރުވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެކަމަށް ރައީސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
ގާނޫނު އަސާސީގެ އިންތިގާލީ ކަންތައްތަކާ ބެހޭ ބާބުގައި ( 284 ވަނަ މާއްދާގައި) ބުނެފައި ވަނީ، "މި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމް ކޯޓް ގާއިމް ކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދާ ސުޕްރީމް ކޯޓް ދެމިއޮންނާނެ" ކަމަށެވެ.
ގާނޫނު އަސާސީގެ 147 ވަނަ މާއްދާގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނަށް އުއްތަމަ ފަނޑިޔާރަކަށް ހޮވިވަޑައިގަތީ ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ރައީސް އައްޔަން ކުރެއްވި ފަސް ފަނޑިޔާރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ މި ގާނޫނު އަސާސީގެ 147 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އުއްތަމަ ފަނޑިޔާރަކު އައްޔަން ކުރެވެންދެން އެ މަގާމްގެ މަސްއޫލިއްޔަތު އަދާ ކުރާނީ މި ބާބުގައި (އިންތިގާލީ ބާބުގައި) ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ތެރެއިން އެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެއް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން މުޖްތާޒް ފަހުމީ އާއި އަބްދުﷲ އަރީފާއި ޔޫސުފް ހުސެއިންނާއި އަހުމަދު ފާއިޒު ހުސެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ