ތިން އަހަރަށް 487 މިލިއަން ޑޮލަރުގެ އެހީ ވަނީ ހަމަޖެހިފައި: ޑރ. ޝަހީދު

އެހީ ދޭ ފަރާތްތަކާ އެކު މި ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ހަމަޖެހުނު 313 މިލިއަން ޑޮލަރު ( 4 ބިލިއަން ރުފިޔާ) އާއި ކުރިން އެއްބަސްވެފައިވާ އެހީއާ އެކު ތިން އަހަރަށް 487 މިލިއަން ޑޮލަރު ( 6.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީދު ވިދާޅުވީ ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިދިޔަ އާދީއްތަ އާއި ހޯމަ ދުވަހު ބޭއްވި ޑޯނާސް ކޮންފަރެންސްގައި ބައިވެރިން ދޭނެކަމަށް ވައުދުވި 313 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ލިބޭނެ ކަމަށާއި އެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހީ ލިބުނުކަން ގަބޫލު ކުރައްވާނީ އެ ފައިސާ ޖީބަށް ވަނީމަ ނޫން ކަމަށާއި ޖީބަށް ވަދެއްޖިއްޔާ އެއީ އެހީ ގެއްލުނީ ކަމަށާއި އަދި އެހީ ލިބުނުކަން ގަބޫލު ކުރައްވާނީ (މިސާލަކަށް) "ރައްޔިތުންނަށް ގެދޮރުއެޅި އެތަނަށް ވަދެވުނީމަ، ނޫނިއްޔާ އިންޖީނު އެއްޗެހި ބެހެއްޓި އޭގެން ބޮކި ދިއްލުނީމަ،" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެރެންޓީއެއް އެބައޮތް ޖަލްސާ އަށް ވަޑައިގަތް އެންމެންގެ ހާޒިރުގައި، ބޭރު ގައުމުތަކުގެ 40 ވަފުދުގެ ހާޒިރުގައި އެ ގައުމުތަކުގެ ސަފީރުންނާއި އެހެން އިސް ބޭބޭފުޅުން ތިމަންނާމެން މިހާ އެއްޗެހި ދެއްވާނެ ކަމަށް ކުރައްވާ އިއުލާނަކީ ލުއިގޮތެއްގައިވާ އިއުލާނެއް ނޫން. އެ ބޭފުޅުން ފުއްދަވާނެ ވައުދެއް އެއީ،" އޭނާ ވިދާޅުވި އެވެ. "މި ބައްދަލުވުމުގެ ކުރިއަށް މި ސަރުކާރަށް ހުރި ވައުދުތަކާ އެއްކޮށްލީމަ 487 މިލިއަން ޑޮލަރަށް (ޖުމްލަ އެހީގެ އަދަދު) އެބަ އަރާ. އޭގެ ތެރޭގައި ހިމެނެނީ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އައިޑީބީ އާއި ފްރާންސާއި އަދި ކުއޭތު ވެސް."
ޑރ. ޝަހީދު ވިދާޅުވީ ބައްދަލުވުމުގެ ކުރިން ފަސް ފަރާތަކުން ދޭން އެއްބަސްވެފައިވާ އެހީއަކީ ވެސް އަދި ބޭނުން ނުކޮށް އޮތް އެހީއެއް ކަމަށެވެ. ރާއްޖެ އަށް ބޭރު އެހީގެ ގޮތުގައި ތިން އަހަރަށް ބޭނުންވާ ކަމަށް ސަރުކާރުން ލަފާކޮށްފައި ވަނީ އަހަރަކަށް 150 މިލިއަން ޑޮލަރުގެ މަގުން ޖުމްލަ 450 މިލިއަން ޑޮލަރެވެ.
އެހީއާ ބެހޭ ބައެއް އިތުރު ތަފްސީލު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ އެހީދޭ ފަރާތްތަކުގެ ބައްދަލުވުމުގައި އައިއެމްއެމްއެފާއި ވޯލްޑް ބޭންކާއި އދ. ގެ އެކި ޖަމާއަތްތަކުން ދޭން އެއްބަސްވި އެހީގެ ޖުމްލަ އަދަދު އެކަނި ވެސް 200 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އައިއެމްއެފުން މިދިޔަ ޑިސެމްބަރު މަހު، ސްޓޭންޑް ބައި އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ދޭން އެއްބަސްވި 92.5 މިލިއަން ޑޮލަރުގެ އެހީ ވެސް ސަރުކާރުން ހިމަނާފައި ވަނީ ބަނޑޮހުގައި ބޭއްވި ބައްދަލުވުމުގައި ލިބުނު އެހީއެއްގެ ގޮތުގަ އެވެ.
"ވޯލްޑް ބޭންކާއި އައިއެމްއެފާއި ޔޫއެން ސިސްޓަމްސް އާ މި ތިން ބައިން އެއްބަސްވެފައިވާ އަދަދު އެއްކޮށްލައިފިއްޔާ އެބަ އަރާ 200 މިލިއަން ޑޮލަރަށް. މިއަކީ ރާއްޖެ ނުދަންނަ ބައެއް ވެސް ނޫން މިތާނގައި އޮފީސް ނެތް ބަޔެއް ވެސް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑު އެ 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމަނާލައިފިން އައިއެމްއެފް އިން މިހާރު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމް. އެއީ މި އަހަރުގެ ތެރޭގައި އައި ]ލިބުނު[ އެއްޗެއް. އަޅުގަނޑު ބަލަނީ ޑޯނާސް ކޮންފަރެންސަށް އައިސްފަ މާޗް މަހު އެއްޗެއް ދޭން ބުނުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްޗެއް ދޭން ބުނުމާއި، އެއީ އެއް ވާހަކައެއް ކަމަށް މި ދެއްކެނީ."
ޑރ. ޝަހީދު ވިދާޅުވީ ބައްދަލުވުމުގައި ހަމަޖެހުނު އެހީތަކުގެ ތެރޭގައި ވޯލްޑް ބޭންކުން ރާއްޖެ އަށް ދިނުމަށް އެއްބަސްވި 13.7 މިލިއަން ޑޮލަރުގެ އިތުރުން ޖަޕާނު ސަރުކާރުން ވެސް 11 މިލިއަން ޑޮލަރު ދޭން އެއްބަސްވި ކަމަށެވެ. އަދި އިސްލާމީ ފަރާތަކުން 50 މިލިއަން ޑޮލަރުގެ އެހީއަކާއި އޭޑީބީން ވެސް ބޮޑު އެހީއެއް ވާއިރު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް 10 މިލިއަން ޑޮލަރު ތިން އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. (ޔޫއޭއީ އިން އެހީ ދޭން އެއްބަސްވެފައިވާކަން އެމިރޭޓް ނިއުސް އެޖެންސީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.)
ޑރ. ޝަހީދު ވިދާޅުވީ އެހީތަކުގެ ފުރިހަމަ ތަފުސީލު ހާމަކުރެވޭނީ، އެހީދޭން އެއްބަސްވެފައިވާ ހުރިހާ ފަރާތްތަކެއްގެ އިޒްނަ ލިބިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ޑޯނާސް ކޮންފަރެންސަކީ ކުރިން އަހަރަކުތަކުގައި ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްތަކަށްވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަށް ރާއްޖެ އިން ތައްޔާރުވި ބައްދަލުވުމެއް ކަމަށެވެ. އެމްޑީޕީ ފަސް ވައުދުގެ ގައުމީ މަޝްރޫއު އެކުލަވާލުމުގައި ވޯލްޑް ބޭންކާއި އައިއެމްއެފާއި އދ. ގެ ޖަމިިއްޔާތަކުގެ ހިޔާލާއި ބަވެރިވުން ހޯދާފައިވާއިރު، އެއާ ގުޅޭ ކަންތައްތަކެއް ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ބައްދަލުވުމަށް ހުށަހެޅުމުން އެހީ ލިބުމަށް ވަރަށް ބޮޑު ބާރަކަށްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ޑޯނާސް ކޮންފަރެންސްގައި ލިބުނު އެހީގެ ދެބައިކުޅަ އެއްބަޔަކީ ހިލޭ އެހީ އެވެ. އަދި ހުރިހާ އެހީ އަކީ ވެސް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އޯޑީއޭ) ކަމާއި އެ އާއި ލޯނާއި ވަރަށް ބޮޑު ތަފާތު އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ