ކޮރަޕްޝަން ނައްތާލެވޭނީ ބިރުދެއްކުމާއި ފިއްތުންތަކުން އޭސީސީ ސަލާމަތްވެގެން: މައުމޫން

ރާއްޖޭގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައިވާ ކޮރަޕްޝަންގެ އަމަލުތައް ނައްތާލެވޭނީ ސަރުކާރުގެ ފިއްތުންތަކާއި ބިރުދެއްކުންތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ސަލާމަތްވެ، މިނިވަންވުމުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ޕީޕީއެމުން އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ދެ ވަނަ އާއްމު ޖަލްސާ އަށް ފޮނުއްވި ޚިތޯބެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންބޮޑުވާ ދަރަޖަ އަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"ރާއްޖޭގައި ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމާއި ނާޖާއިޒު ފައިދާ ނަގައި އެ ކަންތައްތަކަށް ހިތްވަރުދީ މަގުފަހިކޮށްދެނީ ސަރުކާރުގެ މަތީ މަގާމްތަކުގައި ތިބި މީހުން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ބޮޑެތި މަސައްކަތްތަކާއި ވިޔަފާރީގެ މުއާމަލާތްތައް ޓެންޑަ ކުރުމެއް ނެތި ގަވާއިދާ ހިލާފަށް ހަވާލުކުރަމުން ދަނީ އެމްޑީޕީގެ އިސްވެރިންނާއި ގާތް މީހުންނަށެވެ. އަދި އެމްޑީޕީގެ ކޮޅަށް މީހުން އަނބުރަމުން ދަނީ މިލިއަނުން ފައިސާދީގެންނާއި ބިރުދައްކައިގެން ކަމަށް ވެސް މައުމޫން ތުހުމަތުކުރެއްވި އެވެ.
"އެބައިމީހުން ކޮރަޕްޝަންގެ މި ނުބައި އަމަލު ހިންގަމުން ދަނީ ދީނަކަށް ގާނޫނަކަށް ބެލުމެއް ނެތި ފާޅުގައި. މިކަމުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ޅަދަރިންނާއި މުޖުތަމައުގެ އިތުރުން އިގްތިސާދަށް ވެސް ކުރާނެ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ބޭރު ގައުމުތަކުގެ މެދުގައި ރާއްޖެ އަށް ލިބިފައިވާ ރީތި ނަން ފޮހެވި، ގައުމު ދަނީ ފަޟީހަތްވަމުންނެވެ. އަދި ބޭރު މީހުންގެ ކުރިމަތީގައި ދިވެހިންގެ އަގުވެއްޓި، އިންވެސްޓްމަންޓްތަކުން މަހްރޫމްވެގެން ދިއުމަކީ ވެސް ކައިރިކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ނިކަމެތިކުރުން މިހާރު ވަނީ އާއްމުވެފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި ޖުޑީޝަލް ސާވިސަސް ކޮމިޝަން ހިސޯރުކުރުމާއި އެއްވެއުޅުމާއި ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އިތުރުން ސަރުކާރުގެ ނުފޫޒުގައި ޖެހި ފުލުހުންގެ ފަރާތުން ޣައިރު ގާނޫނީ އަމަލުތައް ވެސް ދަނީ ހިންގަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ އެހީތެރިކަން ލިބިދީފައި ނުވާތީ އެ ފަރާތްތަކުގެ ޒިންމާ ފުރިހަމަ އަށް އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްލަން. މި ސަރުކާރުގެ އިންސާނީ ހައްގުތަކުގެ ރެކޯޑުގެ ސަބަބުން އަދި ގޮށްމުށުގެ ބާރުން ކަންކަން ކުރުމުގެ ސަބަބުން މި އަހަރު އިންސާނީ ހައްގުތަކާ ބެހޭ ދުވަހަކީ ދިވެހިން ފުން މާޔޫސްކަމެއްގައި ތިބި ދުވަހެއް ކަމުގައި ފާހަގަކުރަން،" މައުމޫން ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ހުންނަވައި ފޮނުއްވި ހިތޯބު ނިންމަވާލައްވަމުން، ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ ހޯދައި ރައްޔިތުންގެ ފައިދާ އަށް ޕީޕީއެމަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ