ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ނައިބު ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު ޑރ. އަފްރާޝީމް އަލީ ރޭ އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީގައި ރޭ ނެގި ސިއްރު ވޯޓުގައި އާދަމް މުހައްމަދާއި ޑރ. އަފްރާޝީމް އަލީ އަށް ވެސް ލިބިވަޑައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ ތެރެއިން ފަސް ވޯޓެވެ. ކޮމިޝަނުގައި ހިމެނޭ 10 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ މި ވަގުތު އުމުރާ އަށް ވަޑައިގެން ހުންނެވި އަދި އާންމުންގެ ފަރާތުން ޖޭއެސްސީ އަށް ހޮވާފައިވާ ޝުއައިބު އަބްދުއްރަހްމާނެވެ.
އާދަމް މުހައްމަދުގެ އިތުރުން ރައީސް ކަމަށް ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އައިޝަތު ވެލެޒިނީ އެވެ. އޭނާ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ. ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ބާތިލް ވޯޓެއް ވެސް ހިމެނެ އެވެ. އާދަމް މުހައްމަދާއި ވެލެޒިނީ ވެސް މަގާމަށް ކުރިމަތިލެއްވީ އަމިއްލަ އަށް ނަން ހުށަހަޅުއްވައިގެންނެވެ.
ޑރ. އަފްރާޝިމާއެކު ނާއިބު ރައީސް ކަމަށް ވެސް ވާދަކުރެއްވީ ވެލެޒިނީ އެވެ. ކުރީ އިންތިހާބާ އެއްގޮތަށް މި ވޯޓުގައި ވެސް ވެލެޒިނީ އަށް ތިން ވޯޓު ލިބިވަޑައިގެންނެވި އިރު ބާތިލް ވޯޓެއް ވެސް ހިމެނެ އެވެ. ނައިބު ރައީސް ކަމަށް ޑރ. އަފްރާޝީމްގެ ނަން ދަށު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހެޅުއްވި އިރު މި މަގާމަށް ވެސް ވެލިޒިނީ ކުރިމަތިލެއްވީ އަމިއްލައަށެވެ.
މީގެ ކުރިން ހައި ކޯޓުގެ ފަރާތުން ވެސް ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނެވީ އާދަމް މުހައްމަދެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދު ހައި ކޯޓުގެ ތިން ފަނޑިޔާރުން ނެރުއްވި ގަރާރަކުން ވަކި ކުރައްވައިގެންނެވެ. ނަމަވެސް މި ފަހަރު އަނެއްކާ ވެސް ހައި ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާފައި ވަނީ ޣަނީ އެވެ.
އާދަމް މުހައްމަދާއި ޑރ. އަފްރާޝީމާއި ޝުއައިބާއި ޣަނީ އާއި ދީދީ އަދި ވެލެޒިނީގެ އިތުރުން ޖޭއެސްސީގައި ހިމެނެނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ވަކީލުންގެ ތެރެއިން އަހުމަދު ރަޝީދާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަނާއި ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދެވެ.
ޖޭއެސްސީގެ ރައީސަކަށް ސުޕްރީމް ކޯޓުގެ އާދަމް މުހައްމަދު، ނައިބު ރައީސަކަށް ޑރ. އަފްރާޝީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ