ހުސޭނުބޭގެ މަރުގެ މައްސަލަ: އެ ގެއިން ވަގަށް ނެގި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި

ހއ. ހޯރަފުށީގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ މަރާލާފައި އޮއްވާ ފެނުނު، އެ ރަށު ސީވިއު، ހުސެއިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ ގެއިން ވަގަށް ނެގި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ރޭ ފުލުހުން ހޯދައިފި ކަމަށް އެ ރަށުން ބުނެފި އެވެ.
ހޯރަފުށިން ވާހަކަދެއްކި މީހަކު މިއަދު ބުނީ ހުސޭނުބޭ ގޭގައި ރައްކާކޮށްފައި ހުރި ފައިސާތައް ފޮރުވާފައި ހުއްޓާ ފެނުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެ ރަށު ސޯސަން ވިލާ، ނުއުމާން އަބްދުﷲގެ ބައްޕަގެ ގޯތި ތެރެ ކޮންނަނިކޮށް ރޭ 30: 11 ހާއިރު ކަމަށެވެ. ނަމަވެސް އެއީ ކޮން ނަމެއް ކިޔާ ގެއެއް ކަމެއް "ހަވީރަށް" ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
"އެ ފައިސާ ފޮރުވާފައި ހުރި ކަމަށް ވަނީ އެ ގޭގައި ހުންނަ ގާ އަޅާ ތަނެއްގެ ތެރޭގައި ވަޅުލާފައި. އިއްޔެ އިން ފެށިގެން ފުލުހުން އަލިމަސްގެ އާއި އެ ނޫން ތަންތަން ކޮންނަމުން ދަނީ. އެހެން ބަލަމުން ދަނިކޮށް ރޭ އެތަން ކޮންނަނިކޮށް އެ ފައިސާތައް ފެނުނީ،" އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަދެއްކި މީހާ ބުނީ އެ ތަނުން ފެނުނީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ވަރަށް ބައިވަރު ފައިސާ ފެނުނު ކަމަށް އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ނުއުމާން އަބްދުﷲ މިހާރު ދިރިއުޅޭ އަލިމަސްގޭ ގޯތިތެރޭގެ އެކި ތަންތަން އިއްޔެ ފުލުހުން ކޮނެފައިވެ އެވެ. އެކަމަކު އެ ފައިސާ ފެނުނީ އެ ގެ އިން ކަމެއް އަދި ނޭނގެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހާ އިއްޔެ ބުނީ އަލިމަސްގޭ ގޯތިތެރެ ކޮނުނު އިރު އެ މައްސަލައާ ގުޅިގެން ހައްޔަރު މީހުންގެ ތެރޭގައި ހިމެނޭ ނުއުމާނުގެ އިތުރުން އެ ރަށު ޅޮހީގޭ، މުހައްމަދު ލަތީފު ވެސް އެ ތަނުގައި ހުރި ކަމަށެވެ. އަދި އެ މީހުން މިހާރު ވެސް ތިބީ ހޯރަފުށީގައި ކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުން ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ބެހޭ މައުލޫމާތު އާއްމުކުރެވޭ ވަރަކުން އާއްމުކުރާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުއުމާން އަބްދުﷲ، އޭނާ މިހާރު ދިރިއުޅޭ އަލިމަސްގޭ ދޮށަށް ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެ މެންދުރު ގެންދިއުމާ ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު އެ ތަނަށް އެއްވެ ހަޅޭއްލަވައި ނުއުމާންގެ ގައިގައި ތަޅައިގަންނަން މަސައްކަތްކުރި އެވެ. އެ އެއްވުމުން ފުލުހުން ރޫޅައިލީ ކަރުނަ ގޭސް ޖަހައިގެންނެވެ.
އުމުރުން ދުވަސްވީ ވިޔަފާރިވެރިޔާގެ މަރާ ގުޅިގެން، އެންމެ ބޮޑަށް ޝައްކުކުރެވުނީ އޭނާގެ އަތުން ފައިސާތަކެއް ފޭރިގެންފައި މަރާލައިފައިވާ ކަމަށެވެ. މި މަރާ ގުޅިގެން މާލެ އިން އެ ރަށަށް ގޮސް ތިބި އޭނާގެ ދެ ދަރިއަކު މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ބައްޕަގެ ތެޔޮ ފިހާރަ ހުޅުވައިގެން ބެލިއިރު ފެނުނީ އެންމެ 200ރ. ކަމަށެވެ. އަނެއްކޮޅުން، ގޭގައި އޭނާގެ އެއްވެސް ފައިސާއެއް ނެތް ކަމަށް ވެސް އާއިލާ އިން ބުނެ އެވެ. އެހެން ނަމަވެސް ބައިވަރު ފައިސާ ހުންނަންޖެހޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުދިން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ހުސޭނުބޭ މަރާލި ކަމަށް ބެލެވޭ ރޭ އޭނާ އުޅޭ ގެ އިން ވެސް ވައްކަންކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ