ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ: ރައްޔިތުންގެ މަޖިލިސް ގޮވައިގެން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލިހުން ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނަށް ރުހުން ދިނުމުގައި މިހާރު އަމަލްކުރަމުން އަންނަ އެ މަޖިލިހުގެ ގަވާއިދު 171 ވަނަ މާއްދާގެ )ވ( އާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުން ބަލައި ވެސް ގެންފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން އެކަމާ މެދު އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ހަ ސަބަބެއް ބަޔާންކޮށްފައިވެ އެވެ. އޭގެ މައިގަނޑު ބިނާވެފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން މަޖިލިހުން ކުރަން ޖެހޭ ބައެއް ކަންކަން ބަޔާންކޮށްފައިވާ 171 ގެ )ވ( އަކީ ގާނޫނު އަސާސީއާ ހިލާފު ބައެއް ކަމަށް ފެންނާތީ އެކަމާ މެދުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "ރުހުން ދިނުން" ބަޔާންކުރާ 171 (ވ) ގައި ބުނެފައި ވަނީ "ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ މައްސަލަ އަކީ، ވަކި މަގާމަކަށް މީހަކު އައްޔަން ކުރުމާ ގުޅޭ މައްސަލައެއް ކަމަށްވާ ނަމަ، އެ މަގާމަކަށް އެ މީހަކު ގާބިލުކަން ނުވަތަ ނޫންކަން، އެ މަގާމަކާ ގުޅޭ މައުލޫމާތު އެ މީހަކަށް ލިބިގެންވާކަން ނުވަތަ ނޫންކަން، އެ ދާއިރާއާ ގުޅޭ ގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން، އެ ދާއިރާ ކުރިއެރުވުމަށްޓަކައި، އެ ދާއިރާ ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ އޮތް އާންމު ތަސައްވުރާ ބެހޭ ގޮތުން، ކޮމެޓީގެ މަރުހަލާގައި އޭނާއާ ސުވާލު ކުރަންވާނެ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން އެ މީހެއްގެ ޒާތީ މައުލޫމާތާއި އިލްމީ މައުލޫމާތާއި ފަންނީ މައުލޫމާތު ހޯދުމުގެ އިތުރުންނެވެ،" މިހެންނެވެ.
އެހެން ނަމަވެސް ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވުމަށް ފަހު ޖުލައި 7 ގައި އަލުން އެ ކެބިނެޓް ބޭފުޅުން ހުވާ ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ ކުރިން އެ ބޭފުޅުންގެ ނަންތައް ދިރާސާކުރާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އިންޓަވިއުއަށް ގަވާއިދުގެ 171 (ވ) ގެ ދަށުން އެންގެވުމުން އެއްވެސް ވަޒީރަކު އެކަމަށް އިޖާބައެއް ނުދެއްވި އެވެ. އޭރު އެ މާއްދާ އުވާލުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ބައެއް ވަޒީރުން، އެ ކޮމެޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 171 (ވ) އުވާލުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ކަނޑައަޅަން ދެން އެ ކޮމެޓީއަށް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
ކޮމެޓީގެ އިންޓަވިއުއަށް ވަޒީރުން ވަޑައިނުގަތުމުން އެ ކޮމެޓީން އެންމެ ފަހުން ނިންމީ އެކަމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައި ދިނުމަށެވެ.
ބަންޑާރަ ނާއިބު އޮފީހުން ބުނީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 171 ގެ )ވ( އަށް އަމަލްކުރުމަކީ ގާނޫނު އަސާސީގައި ހިމެނޭ ވަޒީރުންގެ މަޖިލިސް ބަޔާންކުރާ ބާބުގެ 129 ވަނަ މާއްދާގެ ށ އަދި ނ ގެ އިތުރުން 130 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފެންނާތީ މަޖިލިހުގެ ގަވާއިދުގެ 171 ގެ )ވ( އުވާލަން ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އޮގަސްޓް ،23 2010 ގަ އެވެ.
ރައްޔިތުންގެ މަޖިލިހާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލާގައި އޭޖީން ބުނެފައި ވަނީ އޮގަސްޓް 23 ގައި ހުށަހެޅި މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ނިމުމުގެ ކުރިން މަޖިލިހުގެ ގަވާއިދުގެ 171 ގެ (ވ) ގެ ދަށުން މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވަޒީރުން ލިއުމުން އަންގަވާފައިވާނެ ކަމަށެވެ.
އެހެންކަމުން "ސުޕްރީމް ކޯޓުން އެ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެއްވުމުގެ ކުރިން އެ މައްސަލައިގެ މައުޟޫއީ ކަންކަމަށް އެއްވެސް އަސަރެއް ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރެއްވުމަކީ ދުސްތޫރީ ރިވެތި އުސޫލުތަކާއި ގާނޫނީ ހަމަތަކާއި އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިހަށް ބަލާ އިރު ވެސް އެދެވިގެންވާ ގޮތެއް ކަމަށް މި އޮފީހުން ނުދެކެމެވެ،" ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފައި ވަނީ މަޖިލިހުގެ 171 ވަނަ މާއްދާގެ (ވ) އާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން އަދި އެ މާއްދާގެ ދަށުން މަޖިލިހުން ވަކި ގޮތަކަށް އަމަލްކުރުން ހުއްޓުވައިދިނުމަކީ "އަދުލްއިންސާފު ގާއިމްކޮށް ދެމެހެއްޓުމަށާއި އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުން" ކަމަށެވެ.
ދައުލަތުގެ މި ނިންމުމާ ގުޅިގެން މަޖިލީހުގައި ތަމްސީލު ކުރާ އިދިކޮޅު ފަރާތްތަކުންނާއި ބައެއް އަމިއްލަ މެމްބަރުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިކަން އިއުލާން ކުރިތާ ދެ ގަޑިއެއްހާއިރު ތެރޭގައި، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ދައުލަތުން އެކަން އެ ގޮތަށް ކުރީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައް ލަސްކުރުމަށް ކަމަށެވެ.
ތަސްމީން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތަކުގައި ސަރުކާރުން ކަންބޮޑުވާ ނަމަ އެކަމާ ގުޅޭ ގޮތުން ކޯޓަށް ވަޑައިގެންނެވުމަށް ވަގުތު ލިބިގެން ދިޔަ ކަމަށެވެ. އެކަމަކު ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރައްވަނީ "އެންމެ ފަހު ވަގުތު" ކަމަށް އޭނާ ވިދާޅުވި އެވެ.
ތަސްމީން އަދި ވިދާޅުވީ ވަޒީރުން އެ ކޮމެޓީ އަށް ވަޑައިނުގަންނަވާއިރު ދައުލަތުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އެހެންވީމަ އެ ނުކުތާ އޮތުމާއި ނެތުމުން އަންނަނީ ކޮން ފަރަގެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ. މިހާރު ވެސް މަޖިލީހުގެ ތަޅުމަށް މި މައްސަލަ އައިސްފައި މި އޮތީ އެއްވެސް ވަޒީރަކާ ކޮމެޓީން ބައްދަލުކޮށް ސުވާލު ކުރުމެއް ނެތި. އެހެންވީމަ ސުވާލު ކުރެވޭނެތޯ ނޫންތޯ އެ ވާހަކަ މި ވަގުތަކު އެހާ މުނާސިބެއް ނެތް. އެކަމަކު މަޖިލީހަށް ގޮތެއް ނުނިންމޭނެ ކަމަކަށެއް، މަޖިލީހުން ވަޒީރުންނަށް ރުހުން ދޭން ޖެހޭނެތޯ، ދޭން ނުޖެހޭނެތޯ އެއީކީ މިހާރު ވެސް ސަރުކާރުން އިއުތިރާޒް ކުރައްވާ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ތަސްމީން ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްޓަކައި ދައުލަތުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ "ވަރަށް ހަރުކަށި" ނިންމެވުމެއް ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ އެއީ އެއްވެސް ބޭނުމެއް ނެތް ކަމެއް ކަމަށާއި މަޖިލީހުގެ ގަވާއިދުގެ 171 (ވ) އުވާލުމަށް ދައުލަތުން ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ވެސް ގުޅުމެއް ނެތް ކަމެއްކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ގަވާއިދުގެ 171 (ވ( ވަޒީރުންގެ މައްޗަށް ނުހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް ވަޒީރުންނަށް ރުހުން ދިނުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކޮންމެ ސިފައެއްގައި ވެސް ހިނގާނެ ކަމަށެވެ.
"އެންމެ ބޮޑު ވަރަކަށް ވެސް، ސުޕްރީމް ކޯޓުން ނިންމަވާނީ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) ވަޒީރުންނަށް ރުހުން ދިނުމުގައި ބޭނުން ނުކުރެވޭނެ ކަމަށް ނޫންތޯ އެވެ. ރުހުން ދިނުމުގެ ކަންތައް މަޖިލީހުން ކުރަންވީ ގޮތެއް ސުޕްރީމް ކޯޓަކުން ވިދާޅުވެއެއް ނުދެއްވާނެ ނޫންތޯ އެވެ. އެކަން ކަނޑައަޅާނީ މަޖިލީހުން ނޫންތޯ އެވެ. ސުޕްރީމް ކޯޓުގެ ހުކުމް އަންނަ ގޮތަކުން ނުވަތަ އެ މާއްދާގެ އެ އަކުރު ވަޒީރުން މައްޗަށް ނުހިންގޭނެ ކަމަށް ހުކުމް އަތުވެއްޖެ ނަމަ، ދެން އެ ގަވާއިދުގެ އެ (ވ) ގެ ދަށުން ނުކުރެވޭނެ ހަމައެކަނި ކަމަކީ، ވަޒީރުންނަށް ކޮމެޓީއަކަށް ދަންނަވައި ސުވާލު ކުރުން ނޫންތޯ އެވެ،" "އެމްނަޝީދުޑޮޓްކޮމް" ގައި ނަޝީދު ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ