ކުރީ ސަރުކާރުގެ އެންމެ މަތީ ފަޑީގެ ބައެއް ބޭފުޅުންގެ ދައުރު ތެލުގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ: ރިޔާސީ ކޮމިޝަން

އެސްޓީއޯ ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑާއި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބަޔަކާ އެކު 2004 ވަނަ އަހަރު އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުނިން ތެލުގެ ވަގު ވިޔަފާރިތައް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާއިރު އެ ވިޔަފާރީގައި ކުރީ ސަރުކާރުގެ އެންމެ މަތީ ފަޑީގެ ބައެއް ބޭފުޅުން ހިމެނޭ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ތިއްބަވައިގެން ތެލުގެ ވަގު ވިޔަފާރިތަކެއް ކޮށްފައިވާ ކަމަށް ބުނެ އިންޑިޔާގެ "ދަ ވީކް" ގައި ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓް އާންމުވުމާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިންގަޕޫރުގައި ހުންނަ ކުންފުންޏަކުން ކޮށްފައިވާ ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގެއް މިދިޔަ އަހަރު ފަށާފައިވާ ކަމަށެވެ. އެ ތަހުގީގު ފަށާފައިވަނީ އެ ކޮމިޝަނުން ބުނި ގޮތުގައި އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތަކުގައި އެ ވިޔަފާރި އަށް އިޝާރާތްކޮށްފައިވާތީ އެ މައްސަލަ ތަހުގީގުކޮށް އޭގެ ހަގީގަތް ބަލައިގެން ނޫނީ މައްސަލަ ނިންމާލެވެން ނޯންނާނެތީ އެވެ.
ރިޔާސީ ކޮމިޝަނުން ބުނި ގޮތުގައި މައުމޫނާއި ޔާމީންގެ މައްޗަށް ކުރާ އެ ތުހުމަތުގެ މައްސަލަ ބަލަން ހަވާލުކުރީ ފޮރެންސިކް އެކައުންޓްސް ފާމެއް ކަމަށްވާ ގްރާންޓް ތޯންޓަންއާ އެވެ. އެ ގޮތުން މޯކަމް ކުންފުނީގެ މައްސަލަތައް ބެލިއިރު ތެލުގެ ވިޔަފާރިއާ ބެހޭ ގިނަ މުއާމަލާތްތަކާ ގުޅޭ ލިޔުންތަކެއް ނެތެވެ. އަދި ފެންނަން ހުރި ލިޔުންތައް ވެސް ހުރީ އިންޓަނޭޝަނަލް އެކައުންޓިން ސިސްޓަމާއި ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކަށް ފައްތާފައި ނޫން ކަމަށް މައްސަލަ ބަލާ ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
"މިހާތަނަށް ކުރެވުނު ތަހުގީގުތަކަށް ބަލާއިރު، ކުރީގެ ސަރުކާރުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބައެއް ބޭފުޅުންގެ ދައުރު، މި ވިޔަފާރީގެ ތެރޭގައިވާކަން ފާހަގަ ކުރެވެ އެވެ. އަދި މި މުއާމަލާތްތަކަކީ ރާއްޖެއިން ބޭރުގައި އެއް ގައުމަށް ވުރެ ގިނަ ގައުމުގެ މެދުގައި ހިނގާފައިވާ މުއާމަލާތްތަކެކެވެ،" ރިޔާސީ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ތެލުގެ ވިޔަފާރި ކުރަމުންދާ މައްސަލައިގެ ތަހުގީގު ކުރަމުންދަނީ ބައިނަލްއަގްވާމީ ދާއިރާތަކެއް ހިމެނިގެން ކަމުގައިވާތީ އަދި އެ ތުހުމަތު އަމާޒު ކުރެވެނީ ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށް ކަމަށްވާތީ އިތުރު މައުލޫމާތު ހާމަކުރެވޭނީ އެ ތަހުގީގު ނިމުމުން ކަމަށެވެ.
މައުމޫނާއި ޔާމީންގެ މައްޗަށް ކުރެވޭ މި ތުހުމަތަށް ދެ ބޭފުޅުން ވެސް ދެކޮޅު ހައްދަވައިފަ އެވެ. މައުމޫން ވިދާޅުވެފައި ވަނީ ރައީސް ކަމުގައި ހުންނެވިއިރު ވެސް އަދި މިހާރު ވެސް އެއްވެސް ވިޔަފާރިއެއް ނުކުރައްވާ ކަމަށެވެ. ޔާމީން ވަނީ ހިޔާނާތުގެ އެއްވެސް ކަމެއް އޭނާގެ މައްޗަށް ސާބިތު ނުވާނެ ކަމަށް ވިދާޅުވެ ސަރުކާރަށް ގޮންޖައްސަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ