ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން ގާޒީ ބާރީ ވަކިކޮށް ޖުވެނައިލް ކޯޓަށް ބަދަލުކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް ވަނީ ފެމެލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
މި ދެ ގާޒީން އެހެން ކޯޓްތަކަކަށް ބަދަލުކުރަން ނިންމީ ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން އަބްދުލް ބާރީ ޔޫސުފް ވަކިކުރެއްވި ނަމަވެސް އެ ކޯޓަށް އިސް ގާޒީ އަކު އަދި އައްޔަންކޮށްފައިވާ ކަމަށް ޖޭއެސްސީ އަކުން ބުނެފައެއް ނުވެ އެވެ.
ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން މިރޭ ނިންމާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނިކޮށެވެ. ގާޒީ ބާރީ އެމައްސަލަތައް ކޯޓުން ބޭރުކުރީ ދައުލަތުގެ ވަކީލުން މިއަދުގެ ޝަރީއަތުގެ ފަހު ބަޔަށް ކޯޓަށް ހާޒިރުނުވުމުން އެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ބޭފުޅުންގެ އިއްތިފާގުން އެގޮތަށް ނިންމެވުމުންނެވެ.
ގާސިމްގެ މައްސަލަތައް ބެލުމަށް އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގައި ގާޒީ ބާރީއާއި ގާޒީ ޝަކީލްގެ އިތުރުން ދެން އިންނެވީ ގާޒީ އާދަމް އަރީފް އެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ގާޒީ ބާރީ އެވެ.
ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ