ޖޭޕީގެ ލޯގޯގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ނުދާތީ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފި

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުން މަނާކުރުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަވަސްކޮށްދިނުމަށް އެޕާޓީން އެދިއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސާލިހު ވިދާޅުވީ މިމަހުގެ އަށްވަނަ ދުވަހު ހުށަހެޅި އެމައްސަލަ ބަލައިގަތްކަން ނުވަތަ ނޫންކަންވެސް އަދިވެސް ކޯޓުން އަންގާފައި ނުވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތު ކޯޓަށް ގުޅައިގެންވެސް ސާފުނުވި ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވެ އެމައްސަލަ އަވަސްކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ އިސްގާޟީއަށް ސިޓީއެއް ފޮނުވާފައިވާނެ،" އަލީ ސޯލިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުމުގެ ވަގުތީ އަމުރަކަށްވެސް ޖޭޕީން ސިވިލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ސިޔާސީ ޕާޓީއަކާއި ގުޅުން ހުރި މައްސަލައެއް ވަރަށް އަވަހަށް އެކޯޓުން ނިންމާފައިވާތީ ޖޭޕީން ހުށަހެޅި މައްސަލަވެސް އަވަސްކޮށްދިނުމަށް އެދިފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ ސިވިލް ކޯޓުގެ އިތުރަށް އެމައްސަލާގައި ސުޕްރީކޯޓަށްވެސް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދަށް ފޮނުވާފައިވާ ސިޓީގައިވެސް ޖޭޕީން އެދިފައިވަނީ ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކޮށްފައި ވާތީ، އެކަން ޝަރުއީ ދާއިރާގެ ތެރެއިން އަވަހަށް ހައްލުކޮށްދިނުމަށެވެ.
މިގޮތުން ޖުމުހޫރީ ޕާޓީން އަމަލުކޮށްފައިވަނީ އަދި އަމަލުކުރަމުން އަންނަނީވެސް ގާނޫނާއި އެއްގޮތަށްކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމުގެ ސަަބަބުން އެޕާޓީއަށް އިއާދަނުކުރެވޭނެ ގެއްލުންތައް ލިބެމުންދާކަން އަލީ ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ.
އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ ދިދައާއި ލޯގޯ ބަދަލުކުރާނަމަ އެކަން ކުރެވޭނީވެސް ޕާޓީގެ އަސާސީ ގަވާއިދުގައިވެސް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.
ޖޭޕީގެ ދިދައާއި ނިޝާން ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނީ ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލެއް ދާދިފަހުން އެކުލަވާލައި އެއުސޫލުގެ މައްޗަށް ބިނާކޮށްގެންނެވެ.
އެހެންނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމުގައި ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާއި ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ