މި ރަމަޟާން މަހަކީ ވެސް 30 ދުވަހުގެ މަހެއް، ފިތުރު އީދު ވާނީ އާދީއްތައަށް: ރައީސް މައުމޫން

އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިހިނގާ ރަމަޟާން ވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިމަހުގެ އަށްވަނަ ދުވަހު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ، ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 އަށް ކަމަށް އަދި ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި އޮންނަ ކަމަށެވެ.
އާންމުކޮށް ބަލާއިރު އެކަން ހިނގަނީ އެހެން ކަމަށާއި ނަމަވެސް ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިގެން އަތުވެދާނެ ކަމަށާއި ނުވަތަ 30 ދުވަހުގެ ދެ މަސް ވެސް ވިދިވިދިގެން އަތުވެދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
“މިފަހަރު މިވަނީ އެހެންނެވެ. ހަގީގަތުގައި، ދުރު ތަރިތަކަށް ނިސްބަތް ކުރާނަމަ، ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހަނީ، 27.32 ދުވަހުންނެވެ. މިއީ ހަނދުގެ ސައިޑީރިއަލް މަހެއްގެ ދިގުމިނެވެ. އިރަށް ނިސްބަތް ކުރާނަމަ، ހަނދު މަހެއްގެ ދިގުމިނަކީ 29.53 ދުވަހެވެ. މިއީ ހަނދުގެ ސިނޮޑިކް މަހެއްގެ ދިގުމިނެވެ. އެހެން ނަމަވެސް، ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ  އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެންނެވެ. ނުވަތަ 30 ދުވަސް ހަމަވުމުންނެވެ. ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.،” ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައިވާ ގޮތުން، މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހަކީ، މި ހިނގާ މޭ މަހުގެ 22 ވާ ހުކުރު ދުވަސް ކަމަށްވާއިރު ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ގައުމުތަކަށް ހަނދު އޮއްސެއެވެ.
އެގޮތުން ރާއްޖެއަށް ބަލާނަމަ ރާއްޖޭގެ އެންމެ އުތުރަށާއި މާލެއަށް އިރު އޮއްސުމުގެ 12 މިނެޓް ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް އެދުވަހުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން ހަނދު އޮއްސެއެވެ.
އޭގެ އިތުރުން އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭއިރު އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ ހަތަރު މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށާއި އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އަދި މައްކާއަށް އެދުވަހު އިރު އޮއްސުމުގެ 10 މިނެޓު ކުރިން، މަދީނާއަށް 11 މިނެޓު ކުރިން، ކުވޭތަށް 14 މިނެޓު ކުރިން، މެލޭޝިޔާއަށް 15 މިނެޓު ކުރިން ހަނދު އޮއްސޭއިރު އާ މަހުގެ ހަނދު އުފަންވަނީ، މޭ މަހުގެ 22 ވަނަ ދުވަހުގެ ރޭ 10:38 ގައި ކަމަށް ވެސް އެމަނިކުފާނުގެ ލިޔުއްވުމުގައިވެއެވެ.
“މިދެންނެވި ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ، ވިދިގެން އަންނަ މޭ މަހުގެ 23 ވާ ހޮނިހިރު ދުވަސް ވާނީ، މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ (ފިތުރު އީދު ވާނީ) މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހަށެވެ،” ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ