އަބްދުﷲ ސައީދާއި އަލީ ހަމީދު ގޭބަންދަށް ބަދަލުކުރަންޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ގޭބަންދަށް ބަދަލުކުރެވޭނެ މަގެއް ހޯދަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ފާއިޒު މިހެން ވިދާޅުވީ އެމަނިކުފާނާއެކު ސުޕްރީމް ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަބްދުﷲ ސައީދު ޖަލަށްލުމުން އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޮ އިބްރާހީމް ސައީދު ގިނިކަންޏާ ކުރެއްވި އިހްތިޖާޖެއްގެ ހަބަރު މިހާރު ނޫހުގައި ޖަހާފައިވާތީ އެ ހަބަރު ފާއިޒުގެ ފޭސްބުކް ޕޭޖުގައި ޝެއާ ކުރައްވަމުން ކުުރެއްވި ޕޯސްޓެއްގަ އެވެ.
ފާއިޒު ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރެވުނު ރެއާ ޖެހިގެން އައި ދުވަހު މި ދެ ބޭފުޅުންގެ އަނބިކަނބަލުންނަށް ވަކިން ގުޅުއްވާ، މި ދެ ބޭފުޅުން ހައްޔަރުކުރުމަކީ ސިޔާސީ ގޮތުން ކުރެވުނު ކަމެއް ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް ގާނޫނީ މަގު އިހްތިޔާރުކޮށް ކުރެވިދާނެ ކަންކަމާ ބެހޭ މަޝްވަރާ އެރުވިފައިވާނެ ކަަމަށްވެސް ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ މި ދެ ބޭފުޅުންނާ މެދު އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު އެދުވަހުވެސް ސުވާލު އުފެއްދެވި ކަމަށެވެ. އަދި އެކި ގޮތްގޮތަށް ސިޔާސީ ބޭފުޅުން މިނިވަމުންދާއިރު މި ދެ ބޭފުޅުން ގެއަށް ބަދަލުކުރެވޭނެ އިންސާފުވެރި މަގެއް ހޯދަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރީ މިއަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ގޮވާލައި، އަބްދުﷲ ސައީދާއި އަލީ ހަމީދާއި އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވި ވަރުގަދަ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު އެވެެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރުނީ އަބްދުﷲ ސައީދާއި އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ކަމަށް ތުހުމަތުކޮށް މި ދެ ބޭފުޅުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ސިފައިން ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓަށް ވަނުމަށްފަހު އެވެ.
މިއަމުރާއި ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ތިން ދައުވާއެއް ސާބިތުވެފައިވާއިރު އަލީ ހަމީދުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ މި ދެ ބޭފުޅުން ގެންދަވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކޮށް މި ދެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ