ސިޔާސީގޮތުން އެންމެ އުސް ކުރިބޯއްޓަކީ ގާސިމް: އެވިލާ

ސިޔާސީ ގޮތުން އެންމެ އުސް ކުރިބޯއްޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ވީޓީވީގެ މަރްހަބާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ ގާސިމް އިބްރާހީމް އާލާސްކަންފުޅާ އެޑްމިޓް ކުރެވިފައި ވަނިކޮށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމެއް ކޮށްފައިވަނީ ގާނޫނާ ހިލާފަށްކަން އެންމެނަށްވެސް އެނގޭ ކަމަށެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރުގައި އެތައް ދުވަސަތަކެއް ހެދަކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
އިބްރާހިމް ހަސަން ވިދާޅުވީ ގާސިމް އިބްރާހީމަކީ ދިވެހި ގައުމަށް ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ. ގައުމުގެ ހާލަތު މިހާރު މި އޮތް ބޮޑު އަނދަވަޅުން ސަލާމަތްކޮށް ކޯލިޝަން ސަރުކާރެއް ގެނައުމާއި، ކޯލިޝަން ދެމެހެއްޓުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށެވެ. ގާސިމް އިބްރާހީމަކީ ވަރަށް ހިތް ހެޔޮ ބޭފުޅެއްކަން ފާހަގަކުރައްވައި އިބްރާހިމް ހަސަން ވިދާޅުވީ މި ދިވެހި ގައުމުގައި އެއްވެސް ސިޔާސީ ބޭނުމެއް ނެތި ރައްޔިތުންނަށް އަމިއްލަފުޅަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށެވެ.
އިބްރާހިމް ހަސަން ވިދާޅުވީ ރައިސް އަބްދުﷲ ޔާމީން އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވި ކަމަށް ރަސްމީކޮށް ހުރިހާ ރައްޔިތުން ކުރިމަތީގައި އެއްބަސްވެވަޑައިގަތުމަށްފަހު މިހާރު މަގުތައް މައްޗަށް ނުކުމެވަޑައިން ނާކާމިޔާބީ ގަބޫލުފުޅު ކުރެއްވުމަށް ދެކޮޅު ހައްދަވަނީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދެވުމަށް ކަމަށެވެ.
ޕީޕީއެމުން އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ނަތީޖާ ގަބޫލު ނުކުރެވިގެން ނޫން ކަމަށާއި އެ މަސައްކަތް ކުރަމުންދަނީ ސަރުކާރު ތެރޭގައި ހިނގާފައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ފޮރުވައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކޮށްލުމަށް ކަމަށް ވެސް ތޮއްޑޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ