ގާސިމް މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަން އއ. އަތޮޅުގައި

ޖުމުހޫރީ ޕާޓީގެ ލީޑަރު މިނިވަން ކުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި އއ މަތިވެރީގެ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފިއެވެ.
ފްރީ ޤާސިމް ޕެޓިޝަންގައި ސޮކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މަތިވެރީގައި އިސްވެ ހަރަކާތްތެރިވާ އަބްދުއްރަހީމް މުހައްމަދު ވިދާޅުވީ، ޤާސިމް އިބުރާހިމް މިނިވަން ކުުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި އެރަށުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މަތިވެރީގެ އިތުރަށް އެރަށާއި ކައިރި އެހެން ރަށްތަކުގައިވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.
މި ހަރަކާތާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިހާރު ޖޭޕީގެ މެމްބަރުން އ.އ އަތޮޅަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން އެރަށްރަށުގައިވެސް މި ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ މިހާތަނަށް ދަތުރުކުރި ރަށްތަކުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީވެސް ނުހައްގުން ސިޔާސީ ލީޑަރުން ހައްޔަރުކުރާ މައްސަލަ ކަމަށެވެ. އެގޮތުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ހައްޔަރުކޮށް ނުހައްގުން އަނިޔާދެމުންދާ މައްސަލައިގައި އާއި، ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އާއި މެދު މިސަރުކާރުން ކަންތައް ކުރަމުންދާގޮތުން ޕީޕީއެމްގެ އިތުރު މެންބަރުންވެސް މިހާރު އިދިކޮޅު ހަރަކާތަކާއި ގުޅެމުންދާ ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ސިޔާސީ ލީޑަރުންގެ ސިޔާސީ ކުރިމަގަށް މިސަރުކާރުން ހުރަސްއަޅައި، އިއްތިހާދުގެ ހަތަރު ލީޑަރުންނަށް ދެމުންގެންދާ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން އއ މާޅޮހުގައި އާއި ގއ ވިލިގިލީގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ތައްޔާރުވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ