ގާސިމް އިތުރު ހަތަރު ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އިތުރު ހަތަރު ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ދިޔައީ މިއަދު ހަވީރު 4:30 އިން ފެށިގެންނެވެ. ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވާ 15 ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާތީ އެމަނިކުފާނުގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހާ ޝަރީއަތް ނިންމީ މީގެކުޑައިރުކޮޅެއް ކުރިންނެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މާދަމާއިން ފެށިގެން ހަތަރު ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކަމަށެވެ. އަަދި އެމަނިކުފާނު ބަންދުގައި ހުންނަވާއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅަށް ބެލުމަށާއި ބޭނުންވާ ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖައްސާފައި ބެހެއްޓުމަށް ގާޒީ އެދިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ އެމަނިކުފާނު ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގެ އިތުރަށް، އިތުރު އެއްވެސް ހެއްކެއް އެމަނިކުފާނާަ ދެކޮޅަށް ފުލުހުން މިއަދު ވެސް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކުރީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. މިމައްސަލާގައި ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
ގާސިމްގެ ފަރާތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ވަނީ ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލައަށް ތާއީދުކޮށްފަ އެވެ.
ގާސިމް އިބްރާހީމް މިވަގުތު ހައްޔަރުކޮށްފައި ހުރި މައްސަލާގައި ހައްޔަރުކުރަން ނެރުނު އަމުރުގައި ބުނެފައިވާ ހައްޔަރުކުރަން ބޭނުންވާ ސަބަބު:
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާ ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަމުންދާ ކަން ތުހުމަތުކުރެވޭތީއާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީއާއި ގާސިމް އިބްރާހީމް އިސްވެ ހުންނަވައިގެން ކ. މާލެ / މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަދައްކަމުންދާތީއާއި، މިކަންތައްތަކަކީ މިހާރު ތަހުގީގުކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ ގާސިމް އިބްރާހީމް މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ އެހެކި ނައްތާލުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށާއި އަދި ގާސިމް އިބްރާހީމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެންނާތީ"
ގާސިމް އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލި ގޮތަކަށް ހައްޔަރުކުރީ ގާސިމްގެ މައްޗަށް ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަށާފައިވަނިކޮށެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ