އުސޫލުތަކާ ހިލާފަށް ޝަރީއަތް ކުރިއަށްދާތީ ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓުގައި ފާރިސް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުގައި އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ފާރިސްގެ ގާނޫނީ ޓީމުން މިމައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު އަށް ކަމެއް ފާހަގަކުރުމަށްފަހު އެވެ.
ސުޕްރީމް ކޯޓަށް ފާރިސް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރަކު ފާރިސްގެ މައްޗަށް ދޮގު ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ކަން އެނގެން އޮންނައިރު އެކަންކަަމަށް ރިއާޔަތްކުރުމަކާ ނުލައި ޕީޖީއާއި ކްރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށް ގެންދާ ކަަމަށެވެ. އެހެންކަމުން އެ ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި 51 ވަަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ މިދިޔަ އަހަރުގެ 11 ވަަނަ ނަންބަރު ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
ފާރިސްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ގާނޫނު އަސާސީގެ 14 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށްވެސް މިމައްސަލާގައި އެދިފައިވެ އެވެ. އަދި ފާރިސްގެ ޝަރީއަތުގެ ކުރިން ހުށަހެޅުނު ހުށަހެޅުންތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ލިޔުމުން ދިނުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް މިމައްސަލާގައި އެދިފައިވެ އެވެ.
މިމައްސަލާގައި ވަނީ ފާރިސްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ގޮތުން އަދުލުވެރި ޝަރީއަތެއްގެ ސިފަ ގެއްލިފައިވާ ކަމަށާ ފާރިސް އަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއްގެ ހައްގު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފަ އެވެ. ފާރިސްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ގާނޫނު އަސާސީން ފާރިސް އަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކަމަށާއި އަދި އެ ޝަރީއަތް ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 144 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށްވެސް މައްސަލާގައި އެދިފައިވެ އެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމާ ގުޅިގެން، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ފާރިސްއާ ގުޅޭ ރިޝްވަތުގެ ދައުވާގެ ޝަރީއަތްތައް ކުރިއަށް ނުގެންދިއުމަށާއި އެއްވެސް ފިޔަަވަޅެއް ނޭޅުމަށް "ރިޓް އޮފް ޕޮރޮހިބިޝަން"ގެ އަމުރެއް ނެރެދިނުމަށްވެސް މިމައްސަލާގައި ވަނީ އެދިފަ އެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައި މިވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް މަޖިލީހުގެ 45 މެންބަރުން ސޮއިކުރައްވާ މިދިޔަ އަހަރުގެ ތެރޭގައި ހުށަހެޅި މަޖިލީހަށް ހުށަހެޅި މައްސަލައިގެ ސަބަބުން ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތާ ގުޅޭ މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ