ޖަރުމަނުގެ ބޫޓް 2018 ގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އިޝްތިހާރު ކުރަނީ

ޖަރުމަނުގެ ޑުއްސެލްޑޯފްގައި ބޫޓް 2018 ގެ ނަމުގައި ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ބޯޓް އަދި ވޯޓަރ ސްޕޯޓްސް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.މި ފެއާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނާއެކު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން 15 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާނީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދާއި ރާއްޖޭގެ ފަރާތުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ޚާލިދުއެވެ.މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިފައިވަނީ 21 އަކަފޫޓުގެ ސްޓޭންޑެކެވެ. އެމްއެމްޕީއާރުސީން މައުލޫމާތު ދިން ގޮތުގައި އެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކުވައިދޭ ގޮތަށް ކަމަށެވެެ.ބޫޓް 2018 ގައި 60 އަށްވުރެ ގިނަ ގައުމުތަކުން 1،800 އެގްޒިބިޓަރުން ބައިވެރިވާއިރު، މީގެ ތެރެއިން 900 އަށް ވުރެ ގިނަ ފަރާތްތަކަކީ ޖަރުމަނު ނޫން ގައުމުތަކުގެ ފަރާތްތަކެވެ.އެމްއެމްޕީއާރުސީން ބުނީ ދިވެހިރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމަށްވުމާއެކު ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އިޝްތިހާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.ޓޫރިޒަމް މިނިސްޓްރީގެ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ޖަރުމަނު ފަތުރުވެރިން ރާއްޖެއާ މެދު އެންމެ ބޮޑަށް ޝައުގުވެރިވާ ކަމަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމެވެ. އަދި އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖަރުމަނުގެ 103،067 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 4.7 އިންސައްތަ އިތުރު އަދަދަކަށްވާއިރު، ޖަރުމަނަކީ 8.3 އިންސައްތައިގެ މާކެޓް ހިއްސާއަކާއެކު މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު މާކެޓު ކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ