މުއައްސަސާތަކުން އެދިފައިވާ ބަޖެޓު ދިނުމަށް އެދެން: ގާސިމް

ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިފައިވާ މިންވަރަށް އެތަންތަނަށް ބަޖެޓް ހަމަޖައްސައިދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ގާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގަތީ މިއަދު ހަވީރު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅެގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އެ މުއައްސަސާތަކުން އެދިފައިވާ މިންވަރަށް ބަޖެޓް ދޭންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ރައްޔިތުންގެ ތެރޭގައި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ ވާހަކަ ދެކެވޭއިރު އެދާއިރާއަށް ދައުލަތުން ކުރާ ޚަރަދު ނިސްބަތުން ކުޑަ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާއަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމަށާއި އެދާއިރާ ހަރުދަނާ ކުރެވިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑި ހާސިލް ނުވާނެ ކަމަށެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބަޖެޓުން 20 އިންސައްތަ މަދުވާކަން އެބައެނގޭ. ޝަރުއީ ދާއިރާއަށް ބަލާއިރު ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަރަށް ބޮޑު އެއްޗެއް މަދުވެފައި އޮތްކަމަށް އެބަދައްކާ. އެހެންކަމުން އަޅުގަނޑު އެދެނީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި އޭސީސީންވެސް އެދިފައިވާ ވަރަށް ބަޖެޓް ދިނުމަށް" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންވެސް 13 އިންސައްތަ މަދުވުމުން އެކޮމިޝަނުން ކުރަން ބޭނުންވާ މިނިވަން ތަޙުގީގުތައް ހިންގުމަށް ދަތިތައް ދިމާވެދާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ދޭ ބަޖެޓް ފިނޭންސް މިނިސްޓްރީގެ އިތުރު ހުއްދައެއް ނުހޯދާ ތަންފީޒުކުރެވޭނެ ގޮތަށް ކަންތައްތައް އޮންނަންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވި ކަންތައްތައް، ފިނޭންސް މިނިސްޓްރީން ބަޖެޓު ތައްޔާރުކުރި ކޮމިޓީއާ ހިއްސާކުރުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމުމަށްފަހުއެވެ. މިބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށް ބަޖެޓް ކޮމިިޓީ ނިންމަވާލައްވަމުން ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ