އަފްރާޝީމްގެ މަރާއި މެދު ދޮގު ވާހަކަދެއްކި ފަރާތްތަކުން މަޢާފަށް އެދެންޖެހޭނެ: އާދަމް ޝަރީފު އުމަރު

އަލްމަރުޙޫމު ޑރ އަފްރާޝީމް އަލީގެ މަރާއި މެދު ދޮގު ވާހަކަދެއްކި ފަރާތްތަކުން މަޢާފަށް އެދެންޖެހޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.އާދަމް ޝަރީފް މިހެން ވިދާޅުވީ އަފްރާޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރެއްވި ރިޕޯޓްގެ ބައެއް މައުލޫމާތުތައް މީޑިއާތަކުން ރިޕޯޓް ކުރުމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ."ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު ދީނީ އިލްމުވެރިޔާގެ މަރާއި މެދު އޮޅުވާލައިގެން ދޮގު ވާހަކަތަކެއް ދައްކާފައިވާ ފަރާތްތަކުން މަޢާފަށް އެދެން ޖެހޭނެ. ނޫނީ ކޮމިޝަންގެ ރިޕޯޓް ދޮގު ކުރަން ޖެހޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.ޑރ.އަފްރާޝީމް އަވަހާރަކޮށްލީ އެމްޑީޕީގެ ވެރިކަން ގެއްލުމަށް ފަހު ސިޔާސީ ގޮތުން ގައުމު ހަމަބޮލި ދުވަސްވަރެއްގައި ކަމަށެވެ. "އެމަރުގެ އިލްޒާމް ފުރަތަމަ އެޅުވީ ރައީސް ޔާމީންއަށް. މިހާރު އެކްސްޓްރީމިސްޓުންނަށް. ނިމޭއިރު ވާނެ ގޮތެއް އަދި ނޭނގެ." އާދަމް ޝަރީފް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ގާތިލެއް ކަމަށް ތުހުމަތު ކުރެވޭ އެކަކީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށާއި މިހާރު އޭނާ ހުރީ ސިޔާސީ މަގާމެއްގައި ކަމަށެވެ. އަދި ގާތިލްގެ ދިފާޢުގައި ހެކިބަސް ދިނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށާއި އޭނާ އަށް ވެސް މިހާރު ހުރީ ސިޔާސީ މަގާމެއް ދީފައި ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވެވިއެވެ.އާދަމް ޝަރީފް އިޝާރާތް ކުރެއްވީ އަފްރާޝީމްގެ ގާތިލެއް ކަމަށް ތުހުމަތު ކުރެވޭ އަލީ ޝާން (ސަޓޯ) އަށާޢި ސަޓޯގެ ދިފާޢުގައި ކުރިން ވެސް ހެކިބަސް ދިން އަދި މިހާރުވެސް ސަޓޯގެ ދިފާޢުގައި ވާހަކަދައްކަމުން ގެންދާ އަލީ ހާޝިމް (ސްމިތު) އަށެވެ. އާދަމް ޝަރީފް ވިދާޅުވީ މައްސަލައިގެ ޝަރުޢީ ބަޔާންތަކުން އިތުރު ހެކި ލިބޭނެ ކަމަށާއި ކަމަށާޢި ޝެއިހް އިމްރާން އަތުގައި ވެސް ހެކި ހުންނާނެ ކަމަށެވެ. އިމްރާން ވަނީ އެމައްސަލައިގެ ހެކި އެބަހުރި ކަމަށް 2015 ވަނަ އަހަރު މެއި 01 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ވިދާޅުވެފައެވެ. އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް މީޑިއާގައި ދިން ބަޔާނުން "ޕޮލިޓިކަލް މޯޓިވް އޮތް މިންވަރާއި މިސްރާނު ވެސް ސާފު" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ