ކަރަންޓުގެ އަގާ ގުޅިގެން ފިހާރަތައް ބަންދު ކުރާތީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ސަރުކާރާ މަޝްވަރާ ކުރަނީ
ކަރަންޓް ބިލްތައް "އިންތިހާއަށް" ބޮޑުވެ ވިޔަފާރިވެރިން ފިހާރަތައް ބަންދުކޮށްފައި ވާތީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިކޮނޮމިކް މިނިސްޓުރީއާއެކު ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު "ސަން"އަށް ވިދާޅުވީ ވިޔަފާރިތަކަށް ދެމުން އައި ސަބްސިޑީ ފައިސާ އުނި ކުރުމުން އެތައް ވިޔަފާރިވެރިންނެއް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސާލައި އިކޮނޮމިކް މިނިސްޓުރީއާއެކު މިއަދު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. "އެކަމުގައި ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށް ޓުރޭޑާއި މި މަޝްވަރާ ކުރެވެނީ،" އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ މިއަދު ފެށި މަޝްވަރާތަކާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ދޭން އެނގޭނީ އެ މަޝްވަރާތަކަށްފަހު ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަކިގޮތެއް ނިންމުމާނީ ވިޔަފާރިވެރިންނާއެކު ބާއްވާ މަޝްވަރާތަކަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓް ސަބްސިޑީއަށް އައި ބަދަލާއެކު ވިޔަފާރި ކުރާ ފަރާތްތަކުގެ ކަރަންޓް ބިލަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން ބިލް އެތައް ގުނައަކަށް ބޮޑުވެފައިވާތީ ކުޅުދުއްފުއްޓާއި އައްޑޫގައި އިއްޔެވެސް ވަނީ ވިޔަފާރިވެރިން އިހްތިޖާޖްކޮށްފައެވެ. އަދި ގިނަ ފިހާރަތަކެއް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ މި ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށާއި އޭރު ފާސްކޮށްފައިވާ އަގުތަކަށް ބިލުނުކޮށް އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ