ޝިމާގެ މަރުގެ މައްސަލަ ކޮމިޝަނުން ބެލުމަށް ފޮނަދޫ ދާއިރާގެ މެންބަރު ގޮވާލައްވައިފި

ޑިންގީއެއް ބަންޑޫންޖަހާލި ކަމަށް ބުނާ ހާދިސާގައި ގެއްލުނު 19 އަހަރުގެ ޝިމާގެ މައްސަލަ މަރުކޮމިޝަނުން ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގޮވާލައްވައިފިއެވެ.
22 ފެބްރުއަރީ 2019 ގައި ލ. ފޮނަދޫ އިން ފުރައިގެން މާމެންދޫ އަށް ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލުމުން ޝިމާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން މިއަދާހަމަޔަށްވެސް އޭނާގެ ހަބަރެއް ނުވެއެވެ. ޑިންގީގައި އޭނާއާއެކު ދަތުރުކުރި އިބްރާހީމް ފަޒީލު ބުނާ ގޮތުން އެހާދިސާގައި އޭނާ ސަލާމަތްވީ ފަތާފައި ގޮސް ކައިރީގައި އޮތް ސިކްސް ސެންސަސް ރިސޯޓަށް އެރުމުން ނެވެ.
އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ޝިމާ ސަލާމަތް ކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ. އޭނާ ފަތާފައި ރިސޯޓާއި ދިމާއަށް ދިޔައީ ޝިމާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށްޓަކައި ހަމެއް ދީފައި ކަމަށް ތަހުގީގުގައި ފަޒީލު ބުނެފައިވެއެވެ.
އޭގެ ފަހުން ޝިމާގެ އެއްބަނޑުއެއްބަފާ 16 އަހަރުގެ އަންހެން ކޮއްކޮ ޑިންގީއަކަށް އަރުވައިގެން ދެ ފިރިހެނުންނާއެކު ފަޒީލު ސިކްސް ސެންސް ރިސޯޓު ކައިރިން ދަތުރުކުރަމުން ދަނިކޮށް، 10 މާޗް 2019 ވނަ ދުވަހުގެ ހަވީރު 4:00 ހާއިރު ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝިމާ ގެއްލުނުތާ އަހަރުވެގެން ދިޔަ އިރު އެކަށީގެންވާ ގޮތަށް ތަހުގީގު ނުހިނގާކަމަށެވެ. ތަހުގީގުގެ މައުލޫމާތު އާއިލާއަށް އެކަށީގެންވާ މިންވަރަށް ދެމުން ނުދާކަމަށާއި ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ޝިމާގެ މައްސަލަ ތަހުގީގު ކުރުމަކީ މުހިންމު ކަމެއްކަމުގައި ސިރާޖު ވިދާޅުވިއެވެ.
މޫސާ ސިރާޖު މިހެން ވިދާޅުވެފައިވާއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވީ، ޝިމާ ނާފިޒުގެ މައްސަލަ އަކީ އެކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ.
އެ ކޮމިޝަނުން ތަހުގީގު ކުރަން ނިންމާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 2018 ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ