މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ބާތިލު ނުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕްރައިމަރީ ބާތިލު ކުރަން ޖެހޭ ވަރުގެ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ބުނެ، އެ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބާތިލުނުކުރުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައި ވަނީ އެ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބާތިލުކޮށް، އަލުން އިންތިހާބެއް ބާއްވައިދިނުމަށް އެދި އެ ދާއިރާ އަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ވާދަކޮށް ތިން ވޯޓުގެ ތަފާތަކުން ނާކާމިޔާބުވެޑައިގެންނެވި ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) ހުށަހެޅުއްވި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.
އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މެމްބަރަކު އަލީ ނިޔާޒު މިރޭ ސަން އަށް ވިދާޅުވީ އެ ދާއިރާގެ ޕްރައިމަރީގެ ނާތީޖާ ބާތިލްކުރަން ނުޖެހޭނެ ކަމަށް ނިންމީ އިންތިހާބު ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭތީ ކަމަށެވެ. އަދި އަސްވާޑު ހުށަހެޅުއްވި މައްސަލަ އެކޮމީޓީން ބަލައި އެގޮތަށް ނިންމީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޝަކުވާ ބަލާ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުމުން އެކޮމިޓީން ބަލައިފައި ނިންމީ އިންތިހާބަށް އަސަރުފޯރާނެ ވަރުގެ ކަމެއް ހިނގައިފައި ނެތް ކަމަށް. އެހެންވެ އެކަން އަޅުގަނޑުމެން ވާނީ އެފަރާތަށް އަންގައިފައި،" ނިޔާޒު ވިދާޅުވި އެވެ.
އެ ދާއިރާގެ ނަތީޖާ ބާތިލު ކޮށްދިނުމަށް އެދި ހުށައެޅުއްވީ އެ ދާއިރާގެ ޕްރައިމަރީގައި ގަލޮޅުގެ މީހުން ވޯޓުލާފައި ވާތީ އާއި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަށް ވުރެ ގިނައިން، ވޯޓު ކަރުދާސް މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށީގައި ހުރުމުން ކަމަށް އަސްވާޑު ވަނީ ވިދާޅުވެފަ އެވެ.
މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަސްވާޑުގެ މައްޗަށް އަސްލަމް ކުރި ހޯއްދެވީ ތިން ވޯޓުންނެވެ. އަސްލަމަށް 137 ވޯޓު ލިބުނު އިރު އަސްވާޑަށް ލިބިފައި ވަނީ 134 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ