ވިޔަފާރިތަކަށް ކަރަންޓު ސަބްސިޑީ ދިނުން ހުއްޓާލަނީ

ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިންދެމުންގެންދާ ކަރަންޓު ސަބްސިޑީ، އަންނަ މާޗު އެއްވަނަ ދުވަހުން ފަށައިގެން ހުއްޓާލާނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
އެންސްޕާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޑޮމެސްޓިކް މީޓަރު ބޭނުންކުރައްވައިގެން ވިޔަފާރި ކުރައްވާ ފަރާތްތަކުން ވެސް ޑޮމެސްޓިކް މީޓަރު ވިޔަފާރި މީޓަރަށް ބަދަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި މާޗު މަހުގެ އެއްވަނަ ދުވަހު ވިޔަފާރިތަކަށް ދޭ ސަބްސިޑީ ހުއްޓާލާއިރު ކަރަންޓު ސަބްސިޑީގެ ރީރަޖިސްޓްރޭޝަން ފޯމް ބައެއް ފަރާތްތަކުން އަގު ނަގައިގެން ފުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އެންސްޕާއިން ބުނެއެވެ.
އެންސްޕާއިން ބުނި ގޮތުގައި ޑޮމެސްޓިކް މީޓަރު ވިޔަފާރި މީޓަރަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކަރަންޓުގެ ހިދުމަތް ދެެއްވާ ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކަރަންޓު ސަބްސިޑީގެ ރީ ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ދަރުބާރުގެއިން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށްވެސް އެންސްޕާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ