މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި ހުރަހެއް ނޭޅޭނެ - ސުޕްރީމް ކޯޓު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނޫސްވެރިންނާއި އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށާއި، އެ މަސްއޫލިއްޔަތު އަދާކުރުމަށް ޒަރޫރީ ގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ބޭނުމުގައި ހުރަހެއް އެޅިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވައި ނެރުނު އަމުރުގައި ވަނީ މިދިޔަ ހޯމަ ދުވަހު އެ ކޯޓުން އިންތިހާބު ބާތިލްކޮށް ކުރި ހުކުމުގައި ދީފައިވާ ގައިޑްލައިންތަކުގެ މަގުސަދަކީ އިންތިހާބުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭގޮތަށް އިންތިޒާމްކުރެވިފައިވާ މާހައުލެއް ގާއިމްވެފައި އޮތުން ޔަގީން ކުރުން ކަމަށެވެ.
އަދި އެ ހުކުމުގެ މަގުސަދަކީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުން ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި ގާނޫނާއި ގަވައިދުގެ އިމުގެތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށާއި، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޒަރޫރީގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ބޭނުންކުރުމަށް އެއްވެސް ވަރަކަށް ހުރަސްއެޅިގެން ނުވާނެކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
އަދި ނޫސްވެރިންނާއި އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުމަށް އަންގައި އަމުރު ކުރާކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިންނަށް ނުވަތަ މީޑިއާތަކަށް ވެސް ވޯޓުލާ ސަރަހައްދަށް ކެމެރާ އާއި އެފަދަ އެއްވެސް އެއްޗެއް ވެއްދުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެން އެކަމާ މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ