ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކާއި ގާނޫނު އަސާސީގެ އަސާސީ ސިފަތައް ހިމާޔަތް ކުރުމަށްޓަކައި ވޭތުވެދިޔަ 10 އަހަރު ސުޕްރީމް ކޯޓުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2008 ގައި އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާ އެކު އަދުލު އިންސާފުގެ ނިޒާމަކީ މިނިވަން ބާރެއްގެ ގޮތުގައި ހަމަޖެހި، އެ ބާރުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ސުޕްރީމް ކޯޓު އުފެދުމަކީ ވަރަށް މުހިންމު ދުސްތޫރީ ބަދަލެއް ކަމަށެވެ.
ސުޕްރީމް ކޯޓު އުފެދުނު ފަހުން ފާއިތުވި 10 އަހަރަކީ ދުސްތޫރީ ހަޔާތެއްގައި ކުރު މުއްދަތެއް ކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެ މުއްދަތުގައި އަސާސީ ހައްގުތަކާއި ގާނޫނު އަސާސީގެ އަސާސީ ސިފަތައް ހިމާޔަތްކޮށް، ގާނޫނުގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި މުހިންމު ނިންމުންތަކެއް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުންތަކާ އެކު، ގާނޫނީ މުހިންމު މަބްދައުތަކާއި މުހިންމު ޕްރެސީޑެންޓްސްތަކެއް ކަނޑައެޅިގެން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިގޮތުން، ގާނޫނީ ދައުލަތެއްގެ އެންމެ މުހިންމު ޚާއްސިއްޔަތު ނުވަތަ ސިފަ ކަމުގައިވާ ގާނޫނު އަސާސީގެ ސުޕްރިމެސީގެ މަބްދައު ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ނަގަަހައްޓައި، މަބްދައުލް ދުސްތޫރިއްޔާ އާއި މަބްދައުލް މަޝްރޫއިއްޔާ ނުވަތަ ޕްރިންސިލް އޮފް ލީގަލީޓީ ގެރެންޓީ ކުރުމަށްޓަކައި ތައުނުކޮށް، ހުށަހެޅުނު ތަފާތު މައްސަލަތަކަށް ރަގާބާ ގަޟާއިއްޔާ ނުވަތަ ޖުޑިޝަލް ރިވިއުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުން ވާނީ ގަޟާއީ ހައްލުތައް ހޯދައި ދީފައި،" ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވެސް ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން އައީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި އަދި ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ވެސް ނެތި، ގާނޫނުގެ ހުކުމް ދަމަހައްޓައި، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށެވެ. އެގޮތުގައި އަދިވެސް ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި އުއްތަމަ ފަނޑިޔާރާއި ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ބައިވެރިވެ ވަޑައިގަންނަވަނީ --މިހާރު ފޮޓޯ/އަހުމަދު ނިޝާތު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އިތުރު ލަނޑުދަނޑިތަކަކަށް ވިސްނަންޖެހެ އެވެ. އެގޮތުން ޝަރީއަތް ކުރުމުގައި ވަކިވަކި ކޯޓުތަކަށް މިނިވަން ދިނުމާއި އަވަހަށް މައްސަލަތައް ނިންމޭނެ ފަދަ ގޮތަކަށް ކޭސް މެނޭޖް ކުރުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެކަންކަން ހާސިލް ކުރެވޭނީ މާލީ ގޮތުން ދައުލަތުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.
"ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކިއެކި ސްޓޭކް ހޮލްޑަރުންގެ އިތުބާރާއި އިހްތިރާމް ލިބިގެންވާ ނިޒާމަކަށް ރާއްޖޭގެ ޝަރުއީ ނިޒާމް ހެދޭނީ މިދެންނެވި ގޮތުގެ މަތިން ބަޖެޓަރީ ސަޕޯޓް އަޅުގަނޑުމެންނަށް ފުރިހަމައަށް ލިބިގެން." އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ވިދާޅުވި އެވެ.
ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ކޯޓުތަކުގެ އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް، އެތަންތަނުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަކަށް އެތަންތަނުގެ ޚަރަދުތައް ކުޑަ ކުރުމުގެ އިތުރުން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރެވޭނެ މަގު ފަހިވާން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ދައުރެއް އަދާ ކުރަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމަށާއި އެހެންވެ، އެ މުއައްސަސާ ހަރުދަނާ ކުރުމަކީ ވެސް ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ އިތުރުން ވަކީލުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ދިނުމަށް ސުޕްރީމް ކޯޓުން އުފެއްދި ޖުޑިޝަލް އެކަޑަމީ ވެސް ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ވަނީ ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް ލޯންޗްކޮށް، އެ ކޯޓާ ބެހޭ ފޮތެއް ނެރުމުގެ އިތުރުން އެ ކޯޓުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެކަމުގެ ހަނދާނީ ލިޔުން ދީފަ އެވެ.
ގާނޫނުއަސާސީގެ ހިމާޔަތުގައި މުހިންމު ނިންމުންތަކެއް ސުޕްރީމް ކޯޓުން ނިންމި: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ