ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މެމްބަރު އަމީތު މީދޫ އަދި މަޑުއްވަރީއަށް!

ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަމީތު މަޑުއްވަރީ ދާއިރާގައި ހިމެނޭ މީދޫ އަދި މަޑުއްވަރީއަށް ވަޑައިގެންފިއެވެ.
 
އެގޮތުން ދެ ދުވަހެއްވަރު މަޑުއްވަރީގައި ހޭދަ ކުރެއްވުމަށްފަހު މިހާރު މެމްބަރު އަމީތުވަނީ މީދޫއަށް ވަޑައިގެންފައެވެ. މެމްބަރު އަމީތު ވިދާޅުވި ގޮތުގައި މި ދަތުރުފުޅަކީ ދާއިރާގެ ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކުރެއްވުމަށް ކުރައްވަމުން އަންނަ ދަތުރުފުޅެއްކަމަށެވެ.
 
މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތަކީ ޕީ.ޕީ.އެމުން ވަކިވުމުގެ ސަބަބުން ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. މި މެމްބަރުންނަށް ގޮނޑި އަނބުރާ ދިނުމަށް އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން ސުޕްރީމް ކޯޓުންވަނީ ހުކުމްކޮށްފައެވެ.
 
ޕީ.ޕީ.އެމް މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންޠިހާބުވެ ވަޑައިގެންނެވި ނަމަވެސް މިހާރު މެމްބަރު އަމީތަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މެމްބަރު އަމީތު މަޑުއްވަރީ ދާއިރާއަށް ދެވަނަ ދައުރަކަށް ކުރިމަތިލާނެކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ