ރައްޔިތުން އެދުމުން ކައުންސިލްތަކުން ބައްދަލުވުން ބާއްވަންޖެހޭގޮތަށް ހަމަޖައްސައިފި

ރައްޔިތުން އެދުމުން ކައުންސިލްތަކުން ބައްދަލުވުން ބާއްވަންޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ބުނީ ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ 'ޓައުންހޯލް ބައްދަލުވުން' ތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުގެ ވައުދާއިއެއްގޮތަށް ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން، ކައުންސިލްތަކުން އެއް އުޞޫލެއްގެ ދަށުން ޢަމަލުކޮށް، ރައްޔިތުން ކައުންސިލްތަކާ މަޝްވަރާކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ރައްޔިތުންގެ އެދުމަށް ބާއްވާ ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުޞޫލު މިއަދު ފާސްކޮށްފައިވާ ކަމުގައެވެ.
މި އުޞޫލު ފާސްކުރީ މިއަދު ބޭއްވި އެލްޖީއޭގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ޗެއާކުރެއްވި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އެވެ.
މި އުޞޫލުގެ މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންނާއި މަޝްވަރާކުރުމަށް ރައްޔިތުން އެދިގެން ބާއްވާ ޓައުންހޯލް ބައްދަލުވުންތައް އެއް އުޞޫލެއްގެމަތިން ބޭއްވުމަށް މަގުފަހިކުރުންކަމަށް އެލްޖީއޭއިން ބުނެއެވެ.
މި އުޞޫލުގައިވާ ގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ދިރިއުޅެމުންގެންދާ މީހުންގެތެރެއިން 100 މީހުން ނުވަތަ އެތަނެއްގައި ޢާންމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއިގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ފާޅުކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަންކަމާއި މަޝްވަރާ ކުރުމަށް ޓައުންހޯލް ބައްދަލުވުމެއް، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ