ގާސިމް ޔާމީނަށް: ނަތީޖާ ދެން ބަދަލެއް ނުވާނެ، ހަގީގަތް ގަބޫލު ކުރައްވާ

އިންތިހާބުގެ ނަތީޖާ ދެން ބަދަލު ނުވާނެ ކަމަށާއި ހަގީގަތް ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރެއްވުމަށް ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި އެޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި ގާސިމް އެހެން ވިދާޅުވީ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްފަހު އެއާޕޯޓުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން ހަގީގަތާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި، އިންތިހާބުގެ ނަތީޖާ ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެއިން ބަލައިގެންފި ކަމަށެވެ. "އިންތިހާބުގެ ނަތީޖާ ދެން ބަދަލެއް ނުވާނެ. އެއީ ރާއްޖެ މޮނީޓަ ކުރަން އައި ހުރިހާ އޮބްޒާވަރުން އެއްބަސްވެވަޑައިގަންނަވާ މިއަށްވުރެ އަމާން ސުލްހަވެރިކަމާއެކު ދިޔަ އިންތިހާބެއް ނެތްކަން. ރާއްޖޭގެ ރައްޔިތުން ބަލައިގެންފި،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބަލި ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. ގާސިމް ވިދާޅުވީ ވޯޓު ނުލާ ތިބި 29000 މީހުންގެ ވޯޓު ދިނުމުން ވެސް ރައީސް ޔާމީނަށް ކުރި ނުލިބޭ ކަމަށާއި ތަނަވަސް އަޣުލަބިއްޔަތެއް އިދިކޮޅު ކެންޑިޑޭތަށް އެބަ އޮތް ކަމަށެވެ.
ނަތީޖާ ބަދަލު ކުރުމަކީ ބޭރު ގައުމުތަކުންނާއި މިރާއްޖޭގެ މުއައްސަސާތަކުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. ނަތީޖާ ބަދަލު ކުރުމުގެ ވިސްނުމަކީ މޮޔަ ވިސްނުން ފުޅެއް ކަމަށާއި އެކަން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ