ޔާމީން ވަގަށް ނެގި ފައިސާ އޮޅު އަޅާފައި ވެސް ހުރި ތާކުން ނެރޭނެ - މުސްތަފާ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަގަށް ނެގި ފައިސާ އޮޅު އަޅާފައި ވެސް ހުރި ތާކުން ނެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ސަރުކާރަށް ދޭ އެއްބާރުލުމަށް ސަރުކާރު އޮތީ އުފަލުން ކަމަށް ވިދާޅުވެ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން ވަގަށް ނެގި ފައިސާ އޮޅު އަޅާފައި ވިޔަސް ހުރި ތާކުން ނެރޭނެ ކަމަށެވެ.
"އަދީބު މި ސަރުކާރަށް ދޭ އެއްބާރުލުމަށް ސަރުކާރު އޮތީ އުފަލުން, އެމްއެމްޕީއާރުސީން ކުރި ހުރިހާ ވައްކަމެއް ކުރީ ކުރީގެ ރައީސް ޔާމީންކަން ކިތާބީ ހެއްކާއެކު ފަޅާ އަރައިފި" މުސްތަފާ ވިދާޅުވި އެވެ.
އަދީބު މިސަރުކާރަށް އެއްބާރުލުން ދޭކަމަށް މުސްތަފާ ވިދާޅުވިއިރު މުސްތަފާ އަކީ 2015 ވަނަ އަހަރު އަދީބު ހައްޔަރު ކުރުމުގެ ކުރިން އަދީބުގެ އެންމެ އަރިސް އެއް މެންބަރެވެ.
ޔާމީން ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވާ އިރު، ފުލުހުން ވަނީ އެމަނިކުފާނުގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ފްރީޒް ކޮށްފައެވެ.
ރައީސް ޔާމީން ވެސް ވަނީ ފުލުހުން އެ ވިދާޅުވާ 100 މިލިއަން ރުފިޔާގައި ޤާނޫނާ ޚިލާފު އެންމެ ލާރިއެއްވެސް ނޯންނާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.
ޔާމީންގެ މައްޗަށް އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުން ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ތަކުރާރުކޮށް ކުރައްވަމުން ގެންދެވި ނަމަވެސް އެމަނިކުފާނު ގެންދަވަނީ އެތުހުމަތުތައް ދޮގު ކުރައްވަމުންނެވެ. ތުހުމަތުތަކަށް ޖަވާބުދާރިވާން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޔާމީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ