ދިވެހިރާއްޖެއިން ގެއްލިފައިވާ ފައިސާތައް ހޯދުމަށް، އެމެރިކާގެ އެންމެ ވަރުގަދަ ތަހުގީގީ އިދާރާ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި އެމެރިކާގެ އެހެންވެސް ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ހޯދާނެކަމަށް ރައީސުލް މުންތަޚަބް، އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމުގައިވާ "ލޮސް އެންޖަލިސް ޓައިމްސް" އަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެހެންނަމަވެސް، އެއީ، ކޮން ފައިސާތަކެއްކަން ބަޔާންކޮށް އެކަން ތަފްޞީލު ކުރައްވާފައި ނުވެއެވެ. ބެލެވޭ ގޮތުގައި އެއީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ގެއްލުނު ފައިސާއެވެ.
ލޮސް އެންޖަލިސް ޓައިމްސްގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ގެއްލުނު ފައިސާތަކުގެ އިތުރުން އޭރު ހަދާފައިވާ އެހެން ކޮންޓްރެކްޓް ތަކުގެ މައުލޫމާތުތައް ހޯދުމަށްވެސް އެމެރިކާގެ މަދަދަށް އެދުމަށްވަނީ ނިންމާފައެވެ. ހަމައެހެންމެ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ވެރިޔަކު، މި މައްސަލައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް ވެއެވެ.
އެނޫހުގައި މިހެން ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން، ޗައިނާ އިން މަސައްކަތް ކުރަމުންދަނީ ރާއްޖެ ދަރަނީގެ ވަޅުގަނޑަކަށް ވައްޓާލުމަށްކަމަށް ސިފަކޮށްފައިވެއެވެ. ހަމައެހެންމެ، ޗައިނާ ސަރުކާރުގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
އެމެރިކާގެ ނޫހުގައި، ޓްރާންސިޝަން މަސައްކަތްތަކުގެ ހަރަކާތްތެރިވާ ކޮމިޓީތަކުން ލިބުނު މައުލޫމާތުކަމަށް ބުނެ ބަޔާންކޮށްފައިވަނީ ރާއްޖޭގެ ދަރަނި، ދެއްކުމުގެ ޤާބިލުކަން ހުރި މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑުކަމަށެވެ. އަދި، ރާއްޖެއަށް މި ދަރަނި ދެއްކުމަށް ނުކުޅެދޭ ޙާލަތަކަށް ގޮސްދާނެކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާ ގޮތުން، ރާއްޖޭގެ ދަރަނި އަދި "ވަގަށް" ނަގާފައިވަނީ ކިހާ ފައިސާއެއްކަން ޔަޤީންވާނީ ނޮވެމްބަރު 17 ވަނަ ދުވަހު، އިބްރާހީމް މުޙައްމަދު ޞާލިހު، ރައީސްކަމުން ހުވާ ކުރެއްވުމުންނެވެ. އެދުވަހު މިފަދަ ހުރިހާ ލިޔުންތަކެއް ބެލޭނެކަމަށާއި މިހާރު އެތަކެތި ހުރީ އާއްމުންނަށާއި މަޖިލިސް މެންބަރުންނަށް ފޮރުވާފައިކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.
މީގެއިތުރުން، އެނޫހުން ބުނެފައިވާ ގޮތުގައި ޗައިނާ އިން އެކުވެރިކަމުގެ ނަމުގައި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެހެން އެޖެންޑާ އެއް ހާސިލުކުރުމުގެ ބޭނުމުގައެވެ. އެގޮތުން، ބުރިޖުތަކާއި ހައިވޭ ތަކާއި ޕަވަރ ޕްލާންޓް ތައް ބަނދަރުތައް ހަދައިދެމުން ދަނީ ޗައިނާގެ ޚާރިޖީ އަދި ސަލާމަތީ ކަންތައްތަކެއް ހާޞިލުކުރުމަށްކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ، ރާއްޖެއިން ޗައިނާ އަށް ދަރާފައިވަނީ 1.5 ބިލިއަން ޑޮލަރުން ނޫންކަމަށާއި އަސްލު އަދަދަކީ ތިން ބިލިއަންކަމަށް އިންތިޚާބީ ރައީސަށް އެނގިވަޑައިގެންނެވީ ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރާ ބައްދަލު ކުރެއްވުމަށްފަހުކަމަށްވެސް ލިޔުމުގައިވެއެވެ.
ރާއްޖެއިން ގެއްލުނު ފައިސާ ހޯދަން އެފްބީއައިގެ އެހީ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ