ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ޖަލަށްލާން އިދިކޮޅު އިއްތިހާދުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، އިބްރާހީމް ސަޢީދު ގޮވާލައިފިއެވެ.
އިބްރާހީމް ސަޢީދު ކުރި ޓްވީޓެއްގައި ގާސިމަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް އޭނާ ބުނެފައި ވަނީ، ގާސިމް "ހޭކުޑަވެގެން ތެޅެނީ،" ކަމުގައި އާއި އޭނާ އަކީ ސީދާ ގޮޅީގައި އޮންނާ ޖެހޭ މީހެއް ކަމަށެވެ. އަދި ގާސިމަކީ ޤައުމަށް އޮތް ވަބާއެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އިބްރާހީމް ސަޢީދު އޭގެ ފަހުން ކުރި ޓްވީޓެއްގައި ބުނީ، ގާސިމަށް އެންމެ ހައްޤު ތަނަކީ "މެންޓަލް ޑިޓެންޝަން ސެންޓަރެއް" ކަމުގައި އާއި، "(ގާސިމްގެ) މުސީބާތުން ސަލާމަތްވާން ޖެހޭ" ކަމުގައެވެ. އޭނާ ވަނީ ގާސިމަކީ "ކޮން ދީނީ ސްކޫލެއްގެ ގްރެޖުއޭޓެއް" ކަމަށްވެސް ސުވާލުކޮށް ޓްވީޓު ކޮށްފައެވެ. މި ހުރިހާ ޓްވީޓެއްގައި ވެސް އިބްރާހީމް ސަޢީދު ވަނީ ގާސިމްގެ ޓްވީޓާ އެކައުންޓު ޓެގުކޮށްފައެވެ.
ގާސިމަށް ތާއީދުކުރާ ފަރާތްތަކާއި އެނޫންވެސް ބައެއް މީހުންގެ ފާޑުކިއުންތައް، މި ޓްވީޓުތަކުގެ ސަބަބުން އިބްރާހީމް ސަޢީދަށް ރައްދުވާން ފެށުމުން ފަހުން އޭނާ ވަނީ ބައެއް ޓްވީޓުތައް ޑިލީޓުކޮށްލާފައެވެ. އެއަށްފަހު ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ، "ޔާމީނަށްވުރެ ގާސިމް އިބްރާހީމްގެ މުސީބާތް މި ޤައުމަށް ކުޑައެއް ނޫން" ކަމަށާއި މިހާރު އެންމެ މުޙިންމު ކަމަކީ، ":މި ބަލާއިން މިންޖުވުން" ކަމުގައެވެ.
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ގާސިމް މިއަދު ރީ-ޓްވީޓު ކުރެއްވުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައެއް އިސް ބޭފުޅުން، ގާސިމް ޓްގުކޮށް ހުތުރު ބަހުން ވާހަކަ ދައްކައި މަލާމާތްކުރަމުންދާއިރު، ގާސިމްގެ އާއިލާ އާއި އަނބިކަނބަލުންގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދައްކަމުންނެވެ.
މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.
ގާސިމް ރީ-ޓްވީޓު ކުރެއްވި އަލްހާނުގެ ޓްވީޓުގައި ވަނީ، "ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން" ކަންކަން ނިންމެން ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އެ ޓްވީޓްގައި ވެއެވެ.
ގާސިމް ޖަލަށްލާން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަކު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ