ވަކީލުންގެ ހުއްދަ ބާތިލް ނުވާ ގޮތަށް ބިލް ބަދަލު ކުރަނީ

ޤާނޫނީ ވަކީލުންގެ ހުއްދަ ބާތިލް ނުވާ ގޮތަށް މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ޤާނޫނީ ޚިދުމަތުގެ ބިލު ބަދަލު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިހެން ވިދާޅުވެފައި މިވަނީ ބިލުގައި ވަކީލުންގެ ހުއްދައާ ގުޅޭގޮތުން އޮތް އޮތުމަށް ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ބިލު އޮތީ ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރާއިރު ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ވަކީލުންނަށް ނުވެވޭ ގޮތަށެވެ.
ބިލުގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ އާ ކޮށްދޭނީ ޤާނޫނީ ވަކީލުކަމުގެ ސަނަދު ނުވަތަ މުޙާމީ ކޯހުގެ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ނުވަތަ ޝާރީއާއިން ލޯއިން ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހަދާފައިވާ ފަރާތްތަކަށެވެ.
ބަންޑާރަ ނާއިބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާ ގޮތަށް އެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާރުވެސް ޝަރީއާ ކިޔަވައިގެން ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ހޯދާފައިވާ އެތައް ވަކީލުންނެއް ތިބެއެވެ. ނަމަވެސް ޤާނޫނީ ޚިދުމަތުގެ ބިލުގައި މިހާރު ބުނެފައިވަނީ އެ ވަކީލުންނަށް ޖެހޭނީ ގާނޫނީ ހިދުމަތުގެ ބިލު ފާސްވެ ގާނޫނަކަށް ވާ ފަހުން ތިން އަހަރު ދުވަހުގެ ތެރޭގައި ބާ އެސޯސިއޭޝަނުން އެކްރެޑިޓް ކޮށްފައިވާ ކަރިކިއުލަމަކާ އެއްގޮތަށް ގާނޫނީ ވަކީލު ކަމުގެ ފުރަތަމަ ޑިގްރީ ޙާޞިލް ކުރަންޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.
މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ އެސޯސިއޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ