ރައީސް ނަޝީދުގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވަގަށްނަގައިގެން ގެންގުޅުނު މައްސަލައިގައި ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމުގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން އެކޯޓުގެ ވެބްސައިޓްގައި އާންމުކުރާ ކޯޓު ޝެޑިއުލްގައި މައްސަލަ ފެންނަން ނެތް ނަމަވެސް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް އަލްއުސްތާޛް ހަސަން ލަތީފް ވަނީ މިމައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ޝެޑިއުލް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ހަސަން ލަތީފް ވިދާޅުވީ މާދަމާ 12:45 ގައި މިމައްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަން ކޯޓުން ވަނީ އަންގަވާފައެވެ.
މާދަމާ ތާވަލް ކޮށްފައިވާ މައްސަލަ އަކީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްތޯ ކަނޑައަޅަން ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ނުބަލަން އެކޯޓުން ނިންމުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ.
މިމައްސަލައިގައި މީގެ ކުރިން ދެއަޑުއެހުމެއް ބާއްވާފައިވެއެވެ. މާދަމާ އޮންނަ އަޑުއެހުމުގައި މިމައްސަލަ ކޯޓަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ