11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޛް ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލަ އިސްތިޢނާފު ކުރުމަށް އެދި ސުޕްރީމު ކޯޓަށް މިއަދު ހުށައަޅައިފިއެވެ.
ކާނަލް ނާޒިމްގެ ޤާނޫނީ ޓީމުން މިއަދު ބޭއްވި ޕްރެންސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހުސްނުއް ސުޢޫދު ވިދާޅުވީ ސުޕްރީމު ކޯޓުގައި އިލްތިމާސް ކުރުމަށް މިއަދު މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ނާޒިމަށް ފޮނުވި ސިޓީއެއްގައިވެސް ސުޕްރީމުކޯޓުން މައްސަލަ އަވަހަށް ނިންމުމަށް ސަރުކާރުން އެދޭކަން ފާހަގަކުރައްވާފައިވާކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.
ސުޢުދު އިތުރަށް ވިދާޅުވީ ނާޒިމް ފްރޭމް ކުރުމުގައި އެންމެ އަޑީގައި ތިބިކަމަށް ނާޒިމްގެ ފަރާތުން ޤަބޫލުކުރަނީ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަމަށެވެ. އަދި މެ ދެބޭފުޅުންނަށް ވާގިވެރިވި މަދު ފުލުހުންކޮޅެއްވެސް ތިބި ކަމަށް ސުޢޫދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް ސުޢޫދު ވިދާޅުވީ ނާޒިމް ދިރިއުޅުއްވި ގެ، ގ. އެނިފްއަށް ހަތިޔާރު ވެއްދި މީހަކު މިހާރު ހޯދިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް ސުއޫދު ހާމަައެއް ނުކުރައްވައެވެ. އަދި މި މައުލޫމާތު ލިބިވަޑައިގަތީ މިވަގުތު ގޭ ބަންދުގައި ހުންނެވި ކާނަލަ ނާޒިމްއަށް ކަމަށާއި، ޤާނޫނީ ޓީމަށް ނާޒިމް މަޢުލޫމާތު ޙިއްސާކުރައްވާފައިވާ ކަމަށެވެ.
ކާނަލް ނާޒިމްގެ ޤާނޫނީ ޓީމުން އިތުރަށް ވިދާޅުވީ ނާޒިމް އާ މެދު ކުރެވޭ ތުހުމަތަކީ "ފްރޭމް" ކޮށްފައިވާ ކަމެއްކަމަށް ދަށުކޯޓާއި ހައިކޯޓުގައި މަސައްކަތް ކުރި ބީދައިން ސުޕްރީމްކޯޓުގައިވެސް މި ނުކުތާ ސާބިތުކޮށްދިނުމަށް މަސައްކަތް ކުރެވިފައިވާނޭ ކަމަށެވެ. އެގޮތުން ނާޒިމްގެ ގެ ބަލާ ފާސް ކުރުމަށް އިޖުރާޢީ އުސޫލުތަކާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށާއި އެކަންކަން އިތުރަށް ކަށަވަރުކުރުމަށް ހެކިން ޙާޟިރުކޮށްދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ. އަދި ހަމައެހެންމެ ސްޕްރީމްކޯޓަށް މައްސަލަ ހިފައިގެން އާދެވުނު އިރު، ހިނގާދިޔަ ހުރިހާ ކަމަކީ ބައެއްގެ ރޭވުމެއްގެ ދަށުން ހިނގާދިޔަ ކަމެއްކަމަށް އިތުރަށް ކަށަވަރުކޮށްދެވޭނެ ގޮތް ވެފައިވާކަމަށްވެސް ނާޒިމްގެ ޤާނޫނީ ޓީމުން ވިދާޅުވިއެވެ.
ހިބަޅިދޫއިންް ފެނުނު ހަތިޔާރާއި ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ހުސްނުއް ސުޢޫދު އިތުރަށް ވިދާޅުވީ ދައުލަތުގެ އިސްނެންގެވުމަކަށް ހައިކޯޓުގައި އެންމެއެންޑީއެފްގެ ފަރާތުން ހުށައެޅި ޚާއްސަ ރިޕޯޓުގައި، އެމްްއެންްޑީއެފްގެ ފަރާތުން ވަރަށް ޔަޤީން ކަމާއެކު ބަޔާންކޮށްފައިވަނީ "މިހާތަނައަށް ރާއްޖޭގައި ހިންގުނު އެއްވެސް އޮޕަރޭޝަނެއްގައި ބަޔަކު އަމިއްލައަށް އެތެރެކޮށްފައިވާ ހަތިޔާރު ފެނިފައި ނުވާކަމަށް. މުޅިންވެސް ފެނިފައިވަނީ ސިފައިންގޭގެ ބަޑި ގުދަނުން ކޮންމެވެސް ބޭރުވެފައިވާ ހަތިޔާރު ކަމަށް" އެވެ.
އެގޮތުން ނާޒިމްގެ ގެއިން ފެނުނު ނިސްބަތްވާތަން ފޮރުވުމުގެ ގޮތުން ސީރިއަލް ނަންބަރު ކަނޑާ ފޮރުވުމަށްޓަކައި ސްޕްރޭކޮށް ހަދާފައިވަނީ އެއް "މެތަޑަކުން" އެއްބައެއް ކަމަށް ބެލެވޭކަމށްވެސް ސުޢޫދު ވިދާޅުވިއެވެ.
"ހަނގުރާމަވެރި ހަތރިޔާރާއި ގޮވާތަކެތި ރާއްޖެއަށް އެތެރެކޮށް ގެންގުޅުމުގެ" ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާއިރު ނާޒިމްގެ ޤާނޫނީ ޓީމުން ވިދާޅުވަނީ ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ ޢާއްމު ބަޔަކު އެތެރެކޮށްފައިވާ ހަތިޔާރެއް ނޫންކަން އެމެއެންޑީއެފެގެ ރިޕޯޓުން އެނގޭ ކަމަށާއި، އެހެންކަމުން ނާޒިމްގެ މައްޗަށް ކުރެވޭ މި ދަޢުވާގެ އަސާސްވަނީ ގެއްލިފައިކަން އިސްތިޢުނާފްގައި ފާހަގަކޯށްފައިވާނެކަމަށެވެ.
ދަށު ކޯޓުން ފާހަގަކޯށްފައިވާ އެންމެ ބޮޑު އެއް ނުކުތާއަކީ ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު އެ ގޭގެ ތެރެއިން ފެންނަން ޖެހުނުގޮތް ނުވަތަ އެ ހަތިޔާރަކީ ކާކުގެ އެއްޗެއްކަން ނާޒިމްއަށް ބުނެ ނުދެވުންކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ވިދާޅުވާއިރު، އެ ހަތިޔާރަކީ ފުލުހުން އެ ގެއަށް ވަނުމުގެ ކުރިން އެ ގޭގައި ހުރިއެއްޗެއް ނޫންކަމަށާއި އެއީ އެ ގެއަށް ވަން ފުލުހުންގެ މީހަކު ހިފައިގެން ވަދެ އެ ތަނުގައި އޮތްއެއްޗެއްކަން ދައްކައިގެން އުޅެނީކަމަށް ކޯޓުގައި އިތުރަށް ޘާބިތުކޯށްދެވޭނެ ގޮތް މިހާރު ވެފައިވާކަމަށެވެ. އެގޮތުން އެ ހަތިޔާރު އެ ގެއަށް ވައްދާ ނާޒިމް ނިދާ ކޮޓަރި ތެޜެގައި އެ ހަތިޔާރު ނަގައި ބާއްވަނިކޮށް ފެނިފައިވާ ހެކިވެރިން މި މައްސަލާގައި ހެކިބަސް ދޭން ނާޒިމްގެ ޤާނޫނީ ޓިމާ ހަމައަށް އައިސްފައިވާތީ އެކަންވެސް މިހާރު ކޯޓުގައި އެދިފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ނާޒިމްގެ ޤާނޫނީ ޓީމުން އިތުރަށް ވިދާޅުވީ ނާޒިމްގެ މައްސަލާގައި ޝަރުޢީ ދާއިރާގެ ތެރެއިން ފުރިހަމައަށް އިންސާފު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި މައްސަލާގެ އިޖުރާޢަތުތަައް ފުރިހަމަކުރުމުގައި ލިބެން އޮތް އެންމެ ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ