ލިޔުނީ : އާދަމް ނަވާޒް އަދި ފަރީހާ އަބްދުﷲ
(ނ.މަގޫދޫ) ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައި ވުމަކީ ތަރައްޤީ އަށް އޮތް އެންމެ ބޮޑު ހުރަސްކަން އަޅުގަނޑުމެން އެންމެނަށް ވެސް ގަބޫލު ކުރެވެއެވެ. ތަރައްޤީ އަށް ދެން އޮތް ހުރަހަކީ ރަށްތަކުގެ އާބާދީތައް އިންތިހާއަށް ކުޑަވުމެވެ. ކުދި އާބާދީތަކަށް ހުރިހައި ޚިދުމަތައް އެކަށީގެންވާ ވަރަށް ފޯރުކޮށްދިނުން ވެސް ވެފައި އޮންނަނީ ކޮންމެ ސަރުކާރަކަށް ވެސް ބުރައަކަށެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން ރަށުގެ ތަރައްޤީ އަށް ހުރަސްއެޅިފައިވާ އެއް ރަށަކީ މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ އެވެ. "ވަގުތު" އިން މިއަތޮޅުގެ ހުރިހާ ރަށަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު އައީ މަގޫދޫ އަށެވެ.
މަގޫދޫ އަކީ ރީތި ރަށެކެވެ. އަރައިގެން އައި އިރުގެ ހޫނު ކަމުގައި އަޅުގަނޑުމެން މިރަށަށް ލެފިއިރު ގާތްގަނޑަކަށް ހެނދުނު 08:30 އެވެ. އޭރު ވެސް ރައްޔިތުން ހޭލަމޭލިވެ އަތިރިމަތީގައި އުޅެއެވެ. ރަށުން ފެނުނީ ސާފުތާހިރު ކަމެވެ. ކޮންމެ ރައްޔިތަކު ވެސް އަޅުގަނޑުމެންނަށް މަރުޙަބާކީ އުފާވެރި ހިނިތުންވުމަކުންނެވެ.
މަގޫދޫގެ ޖުމްލަ އާބާދީ އަކީ 415 އެވެ. މީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 300 އެއްހައި މީހުންނެވެ.
ރައްޔިތުން ބޭނުންވަނީ ރަށް ދޫކޮށް ދާން!
ކުޑަ އާބާދީ އަކީ ތަރައްޤީ އަށް އޮތް ހުރަސްކަން އެންމެ ބޮޑަށް ގަބޫލު ކުރަނީ އެކަން އަމިއްލަ އަށް ތަޖުރިބާ ކުރެވިފައިވާ މަގޫދޫ ރައްޔިތުންނެވެ. އަޅުގަނޑުމެން ވާހަކަދެއްވި މަގޫދޫ ކައުންސިލްގެ މެންބަރުން ވެސް އަދި އާންމު ރައްޔިތުން ވެސް ބުނީ "ދިރިއުޅޭނެ ފްލެޓެއް ނުވަތަ ގެއެއް ނަމަވެސް" ލިބިއްޖެ ނަމަ ރަށް ދޫކޮށް ދާން މިތިބީ ތައްޔާރަށް ކަމަށެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަގީލް ހުސެއިން ވިދާޅުވީ އެހެން ރަށަކުން ބަދަލުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ އެކަމުގައި ރައްޔިތުންގެ ބަހެއް މިހާތަނަށް ހޯދިފައި ނުވާތީ ސީދާ ރައްޔިތުން ބޭނުންވާ ގޮތް އަދި މިހާތަނަށް ސާފު ނުކުރެވި އޮތުމުން އެހެން ރަށަކަށް ބަދަލު ވުމާއި މެދު ރައްޔިތުންގެ ފަރާތުން އެއްޗެއް ވިދާޅުވާން މިވަގުތު ދަތި ކަމަށެވެ.
"މިހާރު އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުގެ އަމިއްލަ ޚިޔާލު. ހުޅުމާލެ ނުވަތަ އެހެން ރަށަކުން ވެސް ފްލެޓެއް ނުވަތަ ގެއެއް ލިބިއްޖެ ނަމަ އެހެން ރަށަކަށް ބަދަލު ވެވިދާނެ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރަށުން އެކަށީގެންވާ ތައުލީމެއް ލިބެން ނެތުމުންނާއި ގްރޭޑް ފަހަކާއި ހަމައަށް ކިޔަވައި ދެމުން އަންނާތީ ތައުލީމް ހާސިލް ކުރުމަށް މަގޫދޫ ދޫކޮށް އެހެން ތިން ރަށަކުން ތައުލީމީ ހަޔާތް ފުރިހަމަ ކުރެއްވެވި ކައުންސިލްގެ ނައިބު ރައީސް އަލީ ނަޝީދު ހުންނެވީ މިހާރު ވެސް މަގޫދޫ ދޫކޮށް ވަޑައިގެންނެވުމަށް ތައްޔާރުވެގެންނެވެ.
"އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ތައުލީމަކާއި އެކަށީގެންވާ ސިއްހީ ޚިދުމަތެއް ރަށުން ލިބެން ނެތުން. އަޅުގަނޑު 2000 ވަނަ އަހަރު ތައުލީމް ހާސިލް ކުރަން ރަށުން ފުރައިގެން ދާން ޖެހުނު ހިސާބުން ނިންމައިފިން މައިންބަފައިންނާއި އެކު އެހެން ރަށަކަށް ހިޖުރަކުރަން."ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން ވާހަކަދައްކާލި ގިނަ ރައްޔިތުންގެ ޚިޔާލަކީ ވެސް ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލު ވުމެވެ. ނަމަވެސް ކުލި ދައްކާ ގޮތައް ލިބޭ ފްލެޓަކަށް ބަދަލުވުމުގެ ވިސްނުމެއް ގިނަ ރައްޔިތުންގެ ނެތެވެ. "އަޅުގަނޑުމެންނަށް އެންމެ ރަނގަޅު މިހާރު މިހުރި ގޭގެ ފެންވަރަށް ގެ އަޅާފައި ދިނަސް. ކޮންމެހެން މާ ރީތިކޮށް ގެ ނުހެދިޔަސް އަޅުގަނޑުމެންނަށް އޯކޭ. އެކަމަކު ފްލެޓް ބޭނުމެއްނޫން. ގޯއްޗެއް ލިބޭނަމަ ދާނަން" މަގޫދޫ މީހަކު ބުންޏެވެ.
ބައެއް ރައްޔިތުންގެ ޚިޔާލު މިފަދައިން ހުރިއިރު، އަނެއްބައި ރައްޔިތުން ތިބީ ފްލެޓެއް ލިބުނު ނަމަވެސް ރަށް ދޫކޮށް ދާށެވެ. ދަރިންނާއި ދަރިންގެ މުސްތަޤްބަލަށްޓަކައި އުފަންރަށް ދޫކޮށް އެހެން ރަށަކަށް ހިޖްރަކުރަން މަގޫދޫ ރައްޔިތުން ތައްޔާރަށް ތިބި ނަމަވެސް މިރަށުން އަޅުގަނޑުމެންނާއި ބައްދަލުވެ، ވާހަކަދައްކައިލެވުނު ގިނަ ރައްޔިތުންގެ އުއްމީދަކީ ހުޅުމާލެއަށް ބަދަލުވެވޭނެ ގޮތެއްވުމެވެ.
"މާލެ ކައިރި ތަނަކަށް ބަދަލުވެވޭނެ ގޮތެއް ވެއްޖެނަމަ އަޅުގަނޑުމެން ބަދަލުވާނަން. އަތޮޅު ތެރޭގެ އެހެން ރަށްރަށަށް ބަލާއިރު ހަމަ މިފަދަ ހާލެއްގަ އެމީހުންވެސް އުޅޭނީ"
އަލަށް ހުޅުވި ސިއްހީ މަރުކަޒުގައި ދެ އެނދު
ފަހަކާއި ޖެހެންދެން މަގޫދޫގައި ސިއްހީ ޚިދުމަތް ދެމުން އައިސްފައި ވަނީ އަމިއްލަ މީހެއްގެ ގޭގައެވެ. ނަމަވެސް ސަރުކާރުން ވަނީ އެރަށުގައި ދާދިފަހުން ސިއްހީމަރުކަޒެއް އަޅައިދީފައެވެ. މަގޫދޫ ސިއްހީ މަރުކަޒުން އާސަންދައިގެ ޚިދުމަތްދޭން ފަށާފައިވަނީ ނިމިގެންދިޔަ ޖޫންމަހުގެ 26 ގައެވެ. ނަމަވެސް އަދި ރަސްމީކޮށް ސިއްހީ މަރުކަޒު ނުހުޅުވައެވެ.
އެއް ޑޮކްޓަރު ރޫމާއި ބަލިމީހުން އެނދުމަތި ކުރާނެ ދެ އެނދާއި، ވިއްސާކޮޓަރިއެއް އަދި ބޭސް އަޅާ ކޮޓަރިއަކާއި ގުދަނެއް ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ ސިއްހީމަރުކަޒުގެ ވަށާފާރު ރާނާފައެއް ނުވެއެވެ. ޖާގައިގެ ގޮތުން ދަތިކޮށް ހުންނަ މި ސިއްހީމަރުކަޒުގައި މިވަގުތު އެއް ޑޮކްޓަރަކާއި ދެ ނަރުހުން މަސައްކަތްކުރައްވައެވެ. ސިއްހީ މަރުކަޒުގައި ހަދާފައިވާ ވިއްސާ ކޮޓަރީގައި، ކަމަށް ބޭނުންވާ އާލާތްތައް ނެތުމުގެ ސަބަނުން ޚިދުމަތް ދިނުމަށް ބުރޫ އަރާފައިވާއިރު، މިތަނުގައި މިހާރު ވަނީ ލޯންޑްރީ އެއް ޤާއިމްކޮށްފައެވެ.
މަގޫދޫ ސިއްހީމަރުކަޒުގެ ތަރުޖަމާނު އާއިޝަތު ޚާލިދު ވިދާޅުވީ އެތަނުން ހަމައެކަނި ހަދާލެވޭނީ ހަކުރު ޓެސްޓް ކަމަށާއި، އިތުރު ކަމެއް ބޭނުންނަމަ ޖެހޭނީ މަނަދޫ އަށް ދާންކަމަށެވެ. ސިއްހީމަރުކަޒުގައި ބައިލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެވެން ނެތްއިރު، ދެ އެނދުގެ ވޯޑް ބޭނުންކުރަނީ ހަމައެކަނި އޮބްޒަވޭޝަންގައި ބޭއްވުމަށް ކަމަށް އާއިޝަތު ވިދާޅުވިއެވެ. ސިއްހީ މަރުކަޒުން ޚިދުމަތްދެނީ ހެނދުނު އަށަކުން މެންދުރުފަހު ދޭކަށެވެ. އެނޫން ވަގުތުތަކުގައި ވެސް ރައްޔިތުން ބޭނުންވެއްޖެނަމަ ޚިދުމަތުގައި ޑޮކްޓަރު ހުންނަވާނެއެވެ.
މަގޫދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައްވެސް ސިއްހީ ޚިދުމަތާވަނީ ގުޅިފައެވެ. ރަށުން އެދެވޭ ސިއްޚީ ޚިދުމަތެއް ލިބެން ނެތްއިރު، ކޮންމެ ފަހަރަކު ބަލިވުމުން މަނަދޫ އަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށް މިރަށު މީހުން ބުނެއެވެ.
ބަނދަރަށް ފަސް ވަނުމުގެ މައްސަލަ ބޮޑު
މަގޫދޫ އަކީ ލަފާފުރުމުގެ މައްސަލަ ބޮޑު ރަށެކެވެ. ވަށައިގެން ކަނޑު އޮންނަ ގާމަތީ ރަށަކަށް ވާތީ އަބަދުވެސް ލަފާފުރުން އޮތީ އިންތިހާ އަށް ދަތި ކަމެއްގެ ގޮތުގައެވެ. ލަފާ ފުރުމުގެ މައްސަލަ އަށް އޮތް ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން ކުރަމުން އައި އުންމީދުގައި ކުލަ ޖެހުނީ 2012 ވަނަ އަހަރު މިރަށުގައި ބަނދަރެއް ހެދުމުންނެވެ.
ނަމަވެސް ރަށުގައި ހެދި ބަނދަރަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ހެދުނު ބަނދަރަކަށް ނުވިއެވެ. ބަނދަރަށް ދިމާވި މައްސަލަ އަކީ ދެމޫސުމުގައި ރަށުގެ ދެކޮޅުން ގިރާ ފަސްތައް ބަނދަރުތެރެއަށް ވަދެ ބަނދަރުގައި ފަސް ވޮޑުމުގެ މައްސަލައެވެ. ވެލި ވަނުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ބަނދަރު ހިނގި ބަނދަރުގައި އޮޑިދޯނި ފަހަރު ނޭޅޭ ވަރުވެގެން ދިއުމެވެ.
މިއީ ފުޅާ މިނުގައި 150 ފޫޓް ދިގު މިނުގައި 300 ފޫޓް އޮންނަ ބަނދަރެކެވެ. މިރަށުގައި ތިން ކަންނެލި ދޯނި ދުއްވައެވެ. މީގެ އިތުރުން ފަރު މަސްވެރިކަން ކުރާ ކުދި ދޯންޏާއި ލޯންޗް ފަހަރު ވެސް މިރަށުގައި ދުއްވައެވެ.
ބަނދަރުގައި ފަސް ވޮޑުމުގެ މައްސަލަ ދިމާވެ މިއަހަރުގެ އޭޕްރިލް މަަސް އައި އިރު ބަނދަރުގެ ދެބައިކުޅަ އެއްބައި އޮތީ ހިކިފައެވެ. ބަނދަރުގެ ހުރަހަށް ދޯނި އެޅޭ ވަރަށްވުރެ ބަނދަރު ތިލަ ވުމުން ދެން ދޯނި އަޅަން ޖެހުނީ ބަނދަަރުގެ ދިގަށެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަގީލް ހުސެއިން ވިދާޅުވީ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބުން ކަމަށެވެ.
"ސަރުކާރަށް ވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެ ބަނދަރު ތިލަ ވާއިރަށް ފުން ކުރުން އެއީ. މިދިޔަ އޭޕްރިލް މަހު ފަސް ނަގާ ފުން ކުރީ. މިހާރު މިއޮތީ ހިކެން ފަށާފައި. އެހެންވީމަ މިމައްސަލަ އަށް ދާއިމީ ހައްލެއް ބޭނުންވަނީ" ކައުންސިލް ރައީސް އަގީލް ވިދާޅުވިއެވެ.
އަގީލް ވިދާޅުވީ މިރަށުގެ ބަނދަރު ވޮޑުމުގެ މައްސަލަ ދިމާވަނީ ރަށުގެ ފަރު މަތީގައި ބަނދަރުގެ ތޮށި ހަދާފައި ވާތީ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިމައްސަލަ އަށް އޮތް ހައްލަކީ ބަނދަރުގެ ބޭރުގައި ރަށުގެ ގޮނޑުދޮށުން ފެށިގެން ބޭރަށް ތޮށިގަނޑުތަކެއް ލުން ކަމަށް ރަށުގެ ތަޖުރިބާކާރު ބޭފުޅުންނާއި ހައުސިލް މިނިސްޓްރީގެ ތަޖުރިބާކާރުން ވެސް ވިދާޅުވާ ކަމަށެވެ.
"މިމައްސަލަ ހައްލު ކުރަން ބޭނުންވާ ބަޖެޓް އަދި ނުލިބިގެން މިއުޅެނީ. ސަރުކާރުން ވިދާޅުވޭ މިމައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް. ނަމަވެސް މިކަން ހައްލު ކުރެވޭނެ ދުވަހެއް ނޭނގޭ." އަގީލް ވިދާޅުވިއެވެ.
މިރަށުގައި ދުއްވާ ތިން ކަންނެލި ދޯނީގެ ތެރެއިން އެއްދޯނީގެ ކެޔޮޅު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ބަނދަރަށް ދިމާވެފައިވާ މައްސަލައިގެ ސަަބަބުން ބަނދަރުގައި ދޯނި ފަހަރު އެޅުމަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
"ކޮންމެ ތިން މަހަކުން ބަނދަރު ފުން ކުރުން އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން. އެންމެ ރަނގަޅު ގޮތަކީ ވެސް ބަނދަރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުން" ކެޔޮޅު ބުންޏެވެ.
މުޅި ރަށުގައި އެންމެ ފިހާރައެއް
މަގޫދޫ އިން އަޅުގަނޑުމެންނަށް ވެސް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު އެއް ކަމަކީ މުޅި ރަށުގައި އެންމެ ފިހާރައެއް ހުރުމެވެ. މަގޫދޫގައި އާންމުކޮށް ހުޅުވާފައި ހުންނަނީ އެންމެ ފިހާރައެކެވެ. އެފިހާރައިން އާންމު ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް ލިބެން ހުރެއެވެ.
ފިހާރައިގެ ސޭޓް "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ރަށުގެ އާބާދީ ކުޑަ ނަމަވެސް ވިޔަފާރި ރަނގަޅު ކަމަށެވެ.
"ދަތިވާ ކަމެއް ނެތް. ލަންދޫ ބޯޓު ކޮންމެ ދަތުރެއްގައި ވެސް މިރަށުގައި ޖައްސާނެ. އެބޯޓުން މުދާ ގެންނަނީ." ވިޔަފާރިވެރިޔާ ބުންޏެވެ.
ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުން – ޒުވާނުންގެ ބޮޑު މަސައްކަތެއް
މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް އެރަށުގެ ޒުވާނުން ދަނީ ކުރަމުންނެވެ. ބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރުކޮށް ނިމިފައި ވާއިރު ބޯޅަ ދަނޑުގެ ވަށައި ފާރު ރޭނުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކައުންސިލްގެ ނައިބު ރައީސް އަލީ ނަޝީދު ވިދާޅުވީ ވަށައި ފާރު ރޭނުމުގެ އިތުރުން ދެޗޭޖިން ރޫމާއި ރޭފްރީ ރޫމެއްގެ އިތުރުން ދަނޑުގެ އެއްފަރާތުގައި ސިޑިބަރިއެއް ހެދުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.
"ރަށުގެ ޒުވާނަކު އިސްވެ މަސައްކަތް ކުރަނީ މިމަސައްކަތައް ފަންޑު ހޯދަން. އެބޭފުޅާ ޔަގީންކަން ދެއްވާފަ މިހާރު އޮތީ ފަންޑު ހަމަޖެހިފައިވާ ކަމަށް. އުންމީދު މިކުރަނީ ވަރަށް އަވަހަށް މިމަސައްކަތް ފެށޭނެ ކަމަށް" ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސައްކަތް ކުރުމަށް ރޭވިފައި ވަނީ ތަކެތި ދިނުމުން ރަށުގެ ޒުވާނުން ކަމަށެވެ.
ވަގުތުގެ ފަރާތުން ނ.އަތޮޅަށް ކުރަމުންދާ "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމްޕާޓްނަރ އަކީ އުރީދޫއެވެ.
މަގޫދޫ ރައްޔިތުން ތިބީ އެހެން ރަށަކަށް ބަދަލުވާން ތައްޔާރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ