ކާނަލް ނާޒިމަކީ ހީރޯއެއް، އާހެއްކެއް ލިބިއްޖެނަމަ މައްސަލަ އަލުން ތަޙްޤީޤު ކުރާނަން – އުމަރު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އަކީ ހީރޯއެއް ކަމަށް އަދިވެސް ގަބޫލު ކުރައްވާ ކަމަށާއި ނާޒިމްގެ މައްސަލައިގައި ތަޙްޤީޤު ކުރަން ޖެހޭ ވަރުގެ ހެއްކެއް އިތުރަށް ލިބިއްޖެނަމަ އެކަމެއް ތަޙްޤީޤު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އުމަރު މިހެން ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓަށް ފިސްތޯލަ ވެއްދި މީހާ ހޯދިއްޖެ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ނާޒިމްގެ ޖަލު ޙުކުމް އިސްތިއުނާފްކޮށްފައި ވާތީ އެކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ހެއްކަކީ ފުލުހުންނަށް ކުރިން ހޯދިފައި ނުވާ އާ ހެއްކެއް ނަމަ، ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަ އަލުން ތަހްގީގްކުރާނެ ކަމަށެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ "އަޅުގަނޑު އަދިވެސް ދެކެނީ ނާޒިމަކީ ހީރޯއެއް" ކަމަށް ކަމަށާއި އެހެންނަމަވެސް "ހީރޯއަކު ވެސް ކުށެއްކޮށްފި ނަމަ އެއީ އަދި އެހެން ކަމެއް" ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އެއްވެސް މީހަކަށް އިންސާފުން ބޭރުން ކަންކަންވާން ސަރުކާރުން ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރުކަމާއި އެހެން ގިނަ ޚިދުމަތްތައް ދައުލަތަށް ކުރައްވާފައިވާ ނާޒިމްގެ މައްސަލައަކީ ސަރުކާރަށް ތުހުމަތުތަކެއް ކުރާ މައްސަލައަކަށްވާއިރު ސަރުކާރު ބޮލުގައި އެ ބަދުނާމު އޮންނަން ބޭނުންނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން މިހާރު ވަނީ ތާއިދު ކޮށްފައެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ނާޒިމްގެ ފަރާތުން އިސްތިއުނާފު ކޮށްފައި ވާއިރު މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ