އޭޝިއަން މާސްޓާސް އެތުލެޓިކްސް މުބާރާތުގައި ހުސީ އަށް ބޮޑު ކާމިޔާބެއް އޭޝިއަން މާސްޓާސް އެތުލެޓިކްސް މުބާރާތުގައި ހުސީ އަށް ބޮޑު ކާމިޔާބެއް

އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ 23 ވަނަ އޭޝިއަން މާސްޓާސް އެތުލެޓިކްސް މުބާރާތުގެ ރާއްޖޭގެ އެތުލީޓު ހުސްނާ މުހައްމަދު (ހުސީ) ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.
މި މަހު 5-11 އަށް ޗެންނާއިގައި ކުރިއަށްދިޔަ މުބާރާތުގައި ހުސީ ވަނީ، 45 އަހަރުން މަތީގެ އަންހެނުންގެ 10 ކިލޯ މީޓަރު ދުވުމުން ދެ ވަނަ ހޯދުމުގެ އިތުރުން، މުބާރާތުގެ 45 އަހަރުން މަތީގެ އަންހެނުންގެ 5000 މީޓަރު ދުވުމުން ތިން ވަނަ ހޯދައިފަ އެވެ. މިއީ، އޭޝިއަން މާސްޓާސް އެތުލެޓިކްސް މުބާރާތެއްގައި ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
އޭޝިއަން މާސްޓާސް އެތުލެޓިކްސް މުބާރާތަކީ، 35 އަހަރުން މަތީގެ އެތުލީޓުންނަށް ހާއްސްކޮށްގެން އޭޝިއާ ބައްރުގައި ބާއްވާ އެންމެ ބޮޑު އެތުލެޓިކްސް މުބާރާތެވެ. އެ ގޮތުން، މި އަހަރުގެ މުބާރާތުގައި ޖުމްލަ އެކު، 22 ގައުމަކުން 3312 އެތުލީޓަކު ބައިވެރިވެފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ފަހަރުގެ އޭޝިއަން މާސްޓާސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ޓީމުގައި ހިމެނެނީ، ޝޮޓްޕުޓް އާއި ޑިސްކަސް އުކުމުން، ހަސަން ޝަމްއޫން، 100 މީޓަރާއި 200 މީޓަރު ދުވުމުގައި ހުސެއިން އަހުމަދު، ހައިޖަމްޕާއި ޑިސްކަސް ތުރޯއިން އިން އަހުމަދު އާމިރު، 1500، 5000 އަދި 10،000 މީޓަރު ދުވުމުން އަހުމަދު ނަސީރު އަބްދުﷲ، 200 މީޓަރު ދުވުމުން މުހައްމަދު އާމިރު، 100 މީޓަރު ދުވުމުން، އަލީ ރައީފް، 800، 1500، 5000، އަދި 10 ކިލޯމީޓަރު ބައިން ހުސީ، 200، 1500، 10 ކިލޯ މީޓަރު ބައިން ނާފިޒާ އަހުމަދު އަދި 1500، 5000 އަދި 10 ކިލޯމީޓަރު ބައިން އައިޝަތު މަދީހާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ