ފޯނު ހިފަހައްޓަން ކޯޓުން ފަސޭހައިން އަމުރު ދިނުމަކީ ބޮޑު މައްސަލައެއް

ގާތް އެހެން ނޫސްވެރިޔަކު އިއްޔެ ދެއްކި ވާހަކަ ސީރިއަސް އެވެ. ފުލުހުން ހަމަ އެދޭއިރަށް މީހުންގެ ފޯނު ހިފަހައްޓަން ފަނޑިޔާރުން އަމުރު ދިނުމެވެ. އޭނާ މިސާލަކަށް ދެއްކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ހިފެހެއްޓި މައްސަލަ އެވެ. މިއީ އާންމުންނަށް އެނގޭ މަޝްހޫރު ހާދިސާތަކެވެ. އާންމުންނާ ހަމައަށް ތިލަނުވާ އެކަހަލަ ކިތައްމެ ކަމެއް ފުލުހުންނާއި ކްރިމިނަލް ކޯޓުން އަބަދުމެ ދަނީ ކުރަމުންނެވެ.
ޒަހިއްޔާގެ ފޯނު ހިފެހެއްޓީ ފުލުހުންނަށް މިރުހުގެ 'ހަމަލާ' ދޭނެކަމަށް ދޭހަވާ ގޮތަށް ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓް ނުކުރާ ކަމަކަށް އޭނާ ނުބުނެ އެވެ. އެ ޕޯސްޓް އެތައް ބަޔަކަށް ފެނުނެވެ. އޭގެ ހެކި ވެސް ހުންނާނެ އެވެ. އެހެންކަމުން އޭނާގެ ފޯނު ކޮންމެހެން ވެސް ހިފަހައްޓަން ޖެހޭ ހެއްޔެވެ؟
ފޯނަކީ ވަރަށް ޒާތީ އެއްޗެކެވެ. ޒާތީ ދިރިއުޅުމުގެ ބައެކެވެ. ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ދިވެހިންގެ ޒާތީ ދިރިއުޅުން ހިމާޔަތްކޮށްފައި އޮތީ މިހެންނެވެ.
ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޮވަތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކު މެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ އެވެ.
ފޯނާ ނުލައި އެއްކަމެއް ވެސް މިހާރު ނުކުރެވެ އެވެ. ވިޔަފާރިކުރަނީ ފޯނުންނެވެ. ކިޔަވަނީ ފޯނުންނެވެ. ސިއްހީ ހިދުމަތުގެ އެތައް ކަމެއް ހިންގަނީ ފޯނުންނެވެ. ދަރިންގެ ސްކޫލް ކަންކަން ބަލަހައްޓަނީ ފޯނުންނެވެ. އާންމު ހުރިހާ ހިދުމަތްތަކަކާ ފޯނު އޮތީ ގުޅިލާމެހިފަ އެވެ. ގާނޫނުއަސާސީގައި ފޯނުގެ ނަން ސީދާ ގެނެސްފައި ނެތަސް ފޯނަށް ވުރެ އަވަހަށް ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަން އެހެން އުފެއްދުމެއް ނެތެވެ.
ޒަހިއްޔާ ކުރި ކަންތައް ރަނގަޅެއް ނޫނެވެ. އެއްވެސް ބަޔަކަށް ހަމަލާއެއް ދޭ ގޮތަށް އެއްވެސް އެއްޗެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްގެން ނުވާނެ އެވެ. ހާއްސަކޮށް ސަލާމަތީ ބާރުތަކާ ދެކޮޅަށެވެ. މުޒާހަރާކުރާ މީހުންގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާތީ އެކަމަށް ރައްދު ދޭން އޭނާ ލިއުނީ:
17 ނޮވެމްބަރަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ، ހަމަ ޖެހީ.
ފުލުހުންނަށް ފެނުނީ ފުލުހުންނަށް އަމާޒުކޮށް އެމްޑީޕީގެ މީހަކު ކުރި ޕޯސްޓާ ގުޅިގެން ފޯނު ހިފަހައްޓާށެވެ. ސަރުކާރާ އެއްކޮޅު ގުރުއާން ޓީޗަރަކު، ނަމުން ކިޔާ ނަމަ، ޝުއައިބު އަލީ، ފޭސްބުކްގައި ލިއުނީ: 
މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ
ނަމަވެސް އޭނާގެ އެ އިންޒާރުގެ މައްސަލަ ބަލާކަށް ފުލުހުން ނޫޅެ އެވެ. އޭނާގެ ފޯނެއް ވެސް ނުހިފަހައްޓަ އެވެ. ކޯޓަކަށް ވެސް ނުދެ އެވެ. ގިރުވާން ކޮޅަށް ޖަހާލައިގެން އެ އުޅެނީ އެވެ. އެހެންކަމުން ސޯޝަލް މީޑިއާއިން މިދޭ އިންޒާރުތަކާ ގުޅޭ މައްސަލަތަކުގައި ފުލުހުން ވެސް އިންސާފުވެރި ނޫންކަން ފަނޑިޔާރުންނަށް އެނގެންވާނެ އެވެ. ހަމަހަމަކަން ނެތެނީ ފުލުހުން ވަކި ކޮޅެއް ނަގައިގެން މަސައްކަތްކުރާތީ އެވެ.
މިހާރު ފުލުހުން އަމަލްކުރަމުން ދާ ގޮތަށް ބަލާ ނަމަ މިއީ ހަމައެކަނި އިދިކޮޅު ހަރަކާތްތެރިންނަށް ބިރު ދެއްކުމުގެ ސިލްސިލާއެއް ކަމަށް ފެނެ އެވެ. ނަމަވެސް ސިޔާސީ ހަރަކާތްތެރިންގެ އިތުރުން ދޭދޭ މީހުންގެ މެދުގައި ޖެހޭ 'ކުދިކުދި' މައްސަލަތަކުގައި ވެސް ފޯނު ހިފަހައްޓަ އެވެ. ތިން ދުވަސް ނުވަތަ ހަތަރު ދުވަހަކަށް ނޫނެވެ. އެތައް މަހަކަށް ދެމިގެންދާ ގޮތަށެވެ. ފުލުހުން ބޭނުމިއްޔާ ތަހުގީގު އަވަހަށް ނިންމާފައި ފޯނު ދޭންވީ އެވެ. ނުވަތަ އެ މުއްދަތު ހަމަވަންދެން ބާއްވަންވީ އެވެ.
އަޅުގަނޑަށް ވިސްނެނީ މިހެންނެވެ. އާންމު ފަރުދުންނާ ގުޅޭ ކަންކަމުގައި ފަސޭހައިން ފޯނު ހިފެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ލިބޭ ނަމަ ފަނޑިޔާރުން ތިބުމުގެ ބޭނުމެއް ނެތެވެ. ފަނޑިޔާރުން އެ ތިބެނީ ދައުލަތުގެ އެހެން ބާރުތަކުން ބޭނުންހާ ސަކަރާތެއް ޖަހަން ވަކި ކަމެއްގެ ތެރެއަށް ސީދާ ނުވަދެވޭނެ ފަށަލައެއްގެ ގޮތަށެވެ. އެ ފަށަލަ އެހާ ތުނިވެގެން ވެސް ނުވާނެ އެވެ. އެ ފަށަލަ އެހާ ފަސޭހައިން ފޫގޮސްގެން ވެސް ނުވާނެ އެވެ. ނަމަވެސް ފަނޑިޔާރުންގެ އެ ސާބިތުކަން ދެއްކޭނީ ފުލުހުން ކުރާ ތަހުގީގަކަށް އެ ފޯނު ހަމަ ކޮންމެހެން ވެސް ބޭނުންތޯ ކަނޑައަޅަން ގިނަ ސުވާލުތަކެއް ކޮށްގެންނެވެ. ފުލުހުންގެ 'އިންޓެލިޖެންސް ރިޕޯޓް' (މިއީ އަނެއްކާ ކިހިނެއް ތައްޔާރުކުރާ ރިޕޯޓެއް ބާވަ އެވެ؟ ހަމަ ލިއުމެއް ލިއެލާފައި 'އިންޓެލިޖެންސް ރިޕޯޓް'އޭ ބުނީމާ އެ ނިމުނީ ހެއްޔެވެ؟) އެ ހުށަހަޅަނީ ކޮފީ މޭޒަކަށް ނޫން ކަމާއި ފަނޑިޔާރެއްގެ ބާރުގަދަ މޭޒަށްކަން ފުލުހުންނަށް އެނގޭވަރު ވެސް ކޮށްލެވެން ޖެހޭނެތާ އެވެ.
ފޯނަކީ ވަރަށް ޒާތީ އެއްޗެކެވެ. އެކަމަކު އެ ޒާތީކަން ނެތިދާނެ ހާލަތްތައް ހުންނާނެ އެވެ. އެ ހާލަތްތަކުގައި ފިޔަވަޅު އަޅަންވީ އެވެ. ނަމަވެސް ދެ މީހެއްގެ މެދުގައި ޒުވާބެއް ހިނގާ ކޮންމެ ފަހަރަކު، ސަރުކާރުގެ ވެރިންނާ ދިމާއަށް އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު، ސޯޝަލް މީޑިއާގައި މީހަކު ކުރާ ޕޯސްޓަކުން ނެގިދާނެ މާނަ ތަފާތުވާ ކޮންމެ ފަހަރަކު، ފޯނު ހިފަހައްޓަން އަމުރު ދިނުމާ މެދު މިހާރަށް ވުރެ މާ ބޮޑަށް ފަނޑިޔާރުން ވިސްނަމާ ހިނގާށެވެ. ގާނޫނުއަސާސީ ނެގެހެއްޓުމުގެ ބޮޑު ޒިންމާއެއް ފަނޑިޔާރުންގެ ބޮލުގައި އެޅެ އެވެ. އަސާސީ ހައްގުތައް ހިމާޔަތްކުރުމުގެ ވިސްނުން ކުރިއަށް ނެރުމުގެ ޒިންމާ ވެސް ފަނޑިޔާރުންގެ ބޮލުގައި އެޅެ އެވެ.
ޒާތީ ދިރިއުޅުމުގެ ތެރެއަށް ފުލުހުން ނުވަންނާނެ ކަމަށް، ފަނޑިޔާރުން ބަލައިގެން ނުވާނެ އެވެ. މި ދަންނަވަނީ ހިފަހައްޓާ ފޯނުގައި ހުންނަ، ތުހުމަތުކުރާ ކަންކަމާ ނުބެހޭ، މައުލޫމާތުތަކުގެ ނާޖާއިޒު ފައިދާ ނުނަގާނެކަމުގެ ޔަގީންކަން ނެތް ވާހަކަ އެވެ. އެކަމަކު މި ދަންނަވަނީ މުޅި ފުލުހުންގެ މުއައްސަސާ ގޯސް ވާހަކައެއް ވެސް ނޫނެވެ. ފުލުހުންގެ ތެރޭގައި ވެސް ތެދުވެރި، ގޮތް ހުރި، ފުލުހުން ބައިވަރެވެ. އެކަމަކު ފުލުހުން ވެސް އެއްބަސްވާނެ އެވެ. އެ މުއައްސަސާ ވެސް އޮތީ ވަރަށް ރަނގަޅަށް ދޮންނަން ޖެހިފަ އެވެ.
ފޯނަކީ ގުނަވަނެއް ފަދަ އެއްޗެކެވެ. އެއަށް މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ރުޅިގަދަވަނީ ސަބަބެއް އޮވެގެންނެވެ. އެއީ ދިރިއުޅުމެވެ. އެހެންކަމުން އެންމެ ސިކުންތަކަށް ވެސް އެ ފޯނު އަތުން ދޫވަން ޖެހޭނެ ކަމަށް ނުދެކެ އެވެ. ފުލުހުން ވެސް މެ އެވެ. ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށެވެ. އެ ފޯނު އެހެން މީހެއްގެ އަތަށް ދީ، އެއާ ކުޅެ، އޭގައި ހުރި އެއްޗެހި ބަލާކަށް ވެސް ބޭނުމެއް ނުވާނެ އެވެ. އެންމެ އިތުބާރުކުރެވޭ މީހާ ވެސް ހިމަނައިގެންނެވެ. މިހާ މުހިންމު ޒާތީ މުދަލެއް ފުލުހުންގެ އެންމެ ދެ ލަފުޒު، 'އިންޓެލިޖެންސް ރިޕޯޓް'އަށް ބިނާކޮށް ދޫކޮށްލަން އަމުރު ދިނުމަކީ ކުޑަ ކަމެއް ހެއްޔެވެ؟ އޭ ފަނޑިޔާރެވެ! ކުޑަކުޑަކޮށް ވިސްނާލަ ބަލާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ