އަންނަ އަންގާރައާ ޖެހެންދެން މުޅި ރާއްޖެއަށް މޫސުން ގޯސް

އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ. "ސަން"އާ ވާހަކަދައްކަމުން މެޓް އޮފީހުގެ އޮފިޝަލަކު ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ސަބަބުން އަންނަ އަންގާރަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުުރުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ. މެޓް އޮފީހުން ބުނީ، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. https://sun.mv/214355 އެއާއެކު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. މެދުރާއްޖެތެރެއާއި ދެކުނަށް ދެ ފޫޓާއި ފަސް ފޫޓާއި ދެެމެދުގެ އުސްމިނަށް ރާޅުތައް ނަގާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި، އުތުރަށް ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނުގެ ރާޅުތައް ނަގާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. މިއަދު އެ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ. އެއީ، މިއަދު ހެނދުނު 11:45 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ. މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، މި ދުވަސްވަރު ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ