ހަސީނާއަށް މަރުގެ ހުކުމް އިއްވުން އެކަށީގެންވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ
ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް މަރުގެ ހުކުމް އިއްވުން އެކަށީގެންވާ ކަމަށް އެކަމަނާގެ ދަރިކަލުން ވިދާޅުވެއްޖެއެވެ. ދަރިކަލުން ސަޖީބް ވާޒިދު ވިދާޅުވީ ހަސީނާއަށް މަރުގެ ހުކުމް އިއްވުން އެކަށީގެން ވަނީ އެކަމަށް ޚާއްސަ ޓްރައިބިއުނަލަކުން ކަމަށެވެ. ނަމަވެސް އިންޑިއާގައި މިހާރު ހުންނެވި ހަސީނާ ހުންނަވާނީ ރައްކާތެރި ކަމާއެކުގައި ކަމަށާއި، ހަސީނާގެ ޕާޓީން ހިންގުން މަނާކޮށްފައި އޮތް އޮތުން އުވާނުލައިފިނަމަ، އަންނަ އަހަރު ބާއްވާ އިންތިޚާބު ހުއްޓުވާނެ ކަމަށް ވާޒިދު ވަނީ ވިދާޅުވެފައެވެ. ވަޒީދު ރޮއިޓާސް ނޫހަށް އެގޮތަށް ވިދާޅުވީ 2024 ވަނަ އަހަރު ހަސީނާއާ ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން ހުއްދަ ދިން ކަމަށް ބުނެ، އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކެއް ހިންގި ކަމަށް ހަސީނާގެ މައްޗަށް ދައުވާ ކުރުމުގެ އެއް ދުވަސް ކުރިންނެވެ. މި އިންޒާރުތަކުގެ ސަބަބުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށް މިހާރުވެސް ބޮން ގޮއްވުމާއި ތަންތަނުގައި އަލިފާން ރޯ ކުރަމުންދާ ބަންގްލަދޭޝްގައި އިތުރަށް ހަމަނުޖެހުން އުފެދިދާނެ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. "އަހަރެމެންނަށް ރަނގަޅަށް އެނގޭ ހުކުމަކީ ކޮބައިކަން. އެމީހުން ޓީވީން ދައްކަނީ. އެމީހުން ކުށްވެރިކުރާނީ، އަދި މަރުގެ ހުކުމް އިއްވާނެ ކަމަށް ބެލެވެނީ،" އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ ވަޒީދު ވިދާޅުވިއެވެ. "އެމީހުންނަށް މަންމައަށް ކުރެވޭނީ ކޮން ކަމެއް؟ މަންމަ އިންޑިއާގައި ސަލާމަތުން އެބަހުރި، އިންޑިއާ އިން މަންމައަށް ފުރިހަމަ ސެކިއުރިޓީ ދެމުން އެބަދޭ،" ވަޒީދު ވިދާޅުވިއެވެ. އުމުރުން 78 އަހަރުގެ ހަސީނާ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްއިން ފިއްލަވައިގެން ވަޑައިގެން ފަހުން ދިރިއުޅުއްވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އދ ގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެ އަހަރު ކުރި މުޒާހަރާތަކުގައި 1،400 އާ ހަމައަށް މީހުން މަރުވެފައިވާއިރު، ގިނައީ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުން މަރުވި މީހުންނެވެ. ނަމަވެސް އެ ހަމަނުޖެހުންތަކުގައި އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް މި ހަފްތާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ހަސީނާ ވަނީ ވިދާޅުވެފައެވެ. އަދި ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ އޭނާގެ ޝަރީއަތަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލްކުރާ ނުރަސްމީ ކޯޓަކުން ކުޅުނު ޑްރާމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަސީނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިތުރު ދެ މީހަކާ އެކުގައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލް އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޗައުދަރީ އަބްދުﷲ އަލް މާމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ