ރަސްމީ ގަޑީގައި ކުރާ މަސައްކަތްތައް ނުރަސްމީ ގަޑީގައި ކުރެވޭ ގޮތް ފަހިކޮށްދޭން، ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ ފްލެކްސިބްލް ވޯކިން ޓައިމް (ފަހެލި) އުސޫލު އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފްލެކްސިބިލިޓީ އުސޫލުގެ ދަށުން، ރަސްމީ މަސައްކަތު ގަޑި ކަނޑައެޅޭ ގޮތް ހަދަން ދައުލަތުގެ ޕޭ ފްެރޭމްވޯކަށް މިދިޔަ މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ:
ބައެއް އިދާރާތަކުގެ ބައެއް މަސައްކަތްތަަކަކީ، ރަސްމީ ގަޑީގެ ފަހުން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައި ވެދާނެތީ
އެފަދަ ހާލަތްތަކުގައި ރަސްމީ ގަޑީގައި ހޭދަވާ ވަގުތު އެއްވެސް މަސައްކަތެއް ނުކޮށް ބޭކާރުގޮތުގައި ހޭދަވެ، ރަސްމީ ގަޑީގެ ފަހުން ގިނަ ވަގުތުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ ހާލަތްތައް ކުރިމަތިވާތީ
ރަސްމީ ގަޑީގެ ބޭރުން އެ މަސައްކަތް ކުރެވޭ ގޮތް ހަދައި އެ މަސައްކަތެއް ކުރާ ގަޑިއަކީ އެ މީހެއްގެ ރަސްމީ މަސައްކަތު ގަޑިކަމުގައި ބެލުމަށް
ތަފްސީލް - ޕޭ ކޮމިޝަނުން ބުނި ގޮތުގައި، އެ އުސޫލުގެ ދަށުން، ފްލެކްސިބްލްކޮށް މަސައްކަތު ގަޑި ކަނޑައަޅަން ބޭނުންވާ އޮފީސްތަކަށް އެކަން މިހާރު ވަނީ ފަހިކޮށްދީފަ އެވެ.
މި ބަދަލުގެ ނަތީޖާއަކީ، މުވައްޒަފަކު ކުރާ މަސައްކަތެއްގެ ބާވަތުން، ރަސްމީ ގަޑިން ބޭރުން އެކަމެއް ކުރަންޖެހޭ ނަމަ، އެ މަސައްކަތެއް ކުރަން ނުކުންނަ ގަޑިއަކީ އެ މުވައްޒަފެއްގެ ރަސްމީ ގަޑި ކަމަށް ބަލައި އެއީ ރަސްމީގަޑީގައި ކުރި މަސައްކަތެއްގެ ގޮތުގައި ބެލުމެވެ.
ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން މެންދުރު 2 އެވެ. މިހެންވެ، މީގެ ކުރިން މިފަދަ އުސޫލެއް ނޯންނާތީ، މެއިންޓެނެންސް މަސައްކަތްތައް ފަދަ ކަންކަން ކުރާ މުވައްޒަފުންނަށް ރަސްމީ މަސައްކަތު ގަޑީގެ އިތުރުން، އިތުރު ގަޑީގައި ވެސް ބައެއް ފަހަރު މަސައްކަތްތައް ކުރަންޖެހެ އެވެ. ޕޭ ކޮމިޝަނުން ބުނި ގޮތުގައި މިހާރު އަމަލުކުރަން ފެށި މި ފްލެކްސިބިލިޓީ އުސޫލާ އެކު، އެކަމަށް ނިމުން އާންނާނެވެ.
އެނގުން މުހިންމު - އަލަށް އިސްލާހުކުރި ޕޭ ފްރޭމްވޯކުގައިވާ ގޮތުން، ފްލެކްސިބިލިޓީގެ އުސޫލުން މަސައްކަތު ގަޑި ކަނޑައަޅައި އެ ފުރުސަތު ދޭއިރު، މަސައްކަތް ފަށާ ގަޑިއާއި މަސައްކަތް ނިމޭ ގަޑި، ކޮންމެ ފަހަރަކު ރިކޯޑުކުރަންވާނެ އެވެ. އަދި އެ މުވައްޒަފަކަށް ކަނޑައަޅައިފައިވާ މަސައްކަތު ގަޑީގައި އަމިއްލަ ބޭނުމެއްގައި އިދާރާއިން ބޭރަށް ދާންޖެހޭ ހާލަތްތަކުގައި އެފަދައިން މަސައްކަތުން ބޭރުގައި ހޭދަވި ވަގުތު، އެ މުވައްޒަފަކަށް ކަނޑައަޅައިފައިވާ ޖުމުލަ ވަގުތު ފުރިހަމަކުރުމަށް، އެ މަހެއްގެ ޕޭރޯލް ސައިކަލްގެ ތެރޭގައި މަސައްކަތްކޮށް އެ ވަގުތު ފުރިހަމަ ކުރަންވާނެ އެވެ.
މި އިސްލާހުގައިވާ ގޮތުން، ދުވާލުގެ އެކި ވަގުތުތަކުގައި ހިދުމަތް ދޭންޖެހޭ ހާލަތްތަކުގައި މިހާތަނަށް، ޑިއުޓީ އުސޫލުން މަސައްކަތް ނުކުރާ ފަންނުވެރީންގެ މަސައްކަތްތައް ވެސް ޑިއުޓީ އުސޫލަށް ބަދަލުކުރެވިދާނެ އެވެ. އަދި މަސައްކަތުގެ ބާވަތުން ދުވާލެއްގެ ތެރޭގައި އެއް ޑިއުޓީއަށް ވުރެ ގިނަ ޑިއުޓީ އަދާކުރަންޖެހޭ ގޮތަށް މަސައްކަތު ވަގުތު ކަނޑައެޅިދާނެ އެވެ. ނަމަވެސް އެފަދައިން ކަނޑައަޅާއިރު ވެސް ދުވާލެއްގެ ތެރޭގައި ޖުމުލަ ޑިއުޓީ ވަގުތު އަށް ގަޑިއިރަށް ވުރެ އިތުރެއް ނުކުރެވޭނެ އެވެ.
ފްލެކްސިބިލިޓީ އުސޫލުން މަަަސައްކަތު ގަޑި ކަނޑައަޅާއިރު:
ހަފުތާގެ ހުރިހާ ދުވަހަކު ހިދުމަތް ދޭންޖެހޭ އިދާރާތަކުގައި ހަފުތާގެ ހުރިހާ ދުވަހަކަށް އެ ފުރުސަތު ދެވިދާނެ
ހަފުތާއަކު ހަ ދުވަހު ހިދުމަތް ދޭންޖެހޭ އިދާރާތަކުގައި އެ ހަ ދުވަހަކަށް ފުރުސަތު ދެވިދާނެ
ހަފުތާއަކު އެއަށް ވުރެ މަދުން ހިދުމަތް ދޭންޖެހޭ އިދާރާތަކުގައި އެ އިދާރާއަކުން ހިދުމަތްދޭ ހުރިހާ ދުވަސްތަކުގައި އެ ފުރުސަތު ދެވިދާނެ ނުވަތަ ހަފުތާގެ ބައެއް ދުވަސްދުވަހު މަސައްކަތު ގަޑި ކަނޑައެޅިދާނެ
އެކި ހަފުތާތަކުގައި އެކި ދުވަސްދުވަހު މަސައްކަތު ގަޑި ކަނޑައެޅުން ފަދަ ތަފާތު ގޮތްގޮތް ވެސް ކަނޑައެޅިދާނެ
ރަސްމީ ގަޑީގެ މަސައްކަތް ނުރަސްމީ ގަޑީގައި ކުރެވޭ ގޮތް ހަދައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ