ކުޑަކުއްޖަކަށް ބިރުދައްކައި ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ބަލަނީ
މެދުރާއްޖެ ތެރޭ ރަށެއްގައި އެންމެ 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނާ މައްސަލައެއް މިނިސްޓްރީ އޮފް ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ބަލަން ފަށައިފިއެވެ. މިފަދަ މައްސަލައެއް ހިނގައިގެން އުޅޭކަން ފެންމަތިވީ އެ ކުއްޖާގެ އާއިލީ ބަޔަކު މި މައްސަލައިގެ ވާހަކަ ސޯޝަލް މީޑިއާގައި ދެއްކުމުންނެވެ. ސޯޝަލް މީޑިއާގައި މިކަމުގެ ތަފްސީލް ހިއްސާކުރަމުން އެ ކުއްޖާގެ މާމަ ބުނީ، މެދުރާއްޖެތެރޭގެ ރަށެއްގައި މި ހާދިސާ ހިނގީ އިއްޔެ އިރުއޮއްސުނު ވަގުތު, މަޣްރިބު ނަމާދަށް މިސްކިތަށް އެ ކުއްޖާ ދަނިކޮށް ކަމަށެވެ. އެ ކުއްޖާ މިސްކިތަށް ދަނިކޮށް, ފެމެލީ މިނިސްޓްރީން ބަލަހައްޓާ 17 އަހަރުގެ ދެ ކުއްޖަކުވެގެން، 10އަހަރުގެ އެ ކުއްޖާ ހުއްޓުވައި، ފަޅު ތަނަކަށް ގެންދިޔައީ ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. އެއަށްފަހު ކުއްޖާގެ ޖީބުތައް ބަލައި، ފައިސާ ހުރިތޯ އަހައި، ހުރިނަމަ ދޭން އެންގިކަމަށް ވެސް އެ ކުއްޖާގެ މާމަ ބުންޏެވެ. މީގެ އިތުރުން އެ ކުއްޖާ ގައިގައި ސިނގިރޭޓު ބަޓު ޖައްސައި، އެ ބޯންދޭން އުޅުން ފަދަ އެތައް އަނިޔާއެއް ދިން ކަމަށް މާމަ ކިޔައިދިނެވެ. އަދި އެ ވާހަކަ މަންމައާއި ބައްޕަ ގާތު ބުނާނެކަމަށް ކުއްޖާ ބުނުމުން، "މަންމައާއި ބައްޕަގެ ދުވަސް ދުއްވާލާނެ"ކަމަށް ބުނެ ބިރު ވެސް ދެއްކި ކަމަށް ކުއްޖާގެ އާއިލާގެ ފަރާތުން ތުހުމަތުކުރެއެވެ. އެ ކުއްޖާގެ މާމަ ބުނީ އެ މައްސަލަ ހުށަަހަޅަން ފެމިލީ މިނިސްޓްރީއަށް ގުޅުމުން ބުނީ، މައްސަލަ ބަލާނީ އެ ރަށުގައި ހުންނަ ސެންޓަރުން ކަމަށެވެ. ނަމަވެސް ރަސްމީ ގަޑީގައި ނޫނީ ނުގުޅޭނެކަމަށް ބުނެ ސެންޓަރުގެ ނަންބަރު ނުލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ވަނީ ރަށުގައި ހުރި އެ ސެންޓަރުގައި ކުދިން ބެލެހެއްޓުމުގައި މުވައްޒަފުން ވަަރަށް ބޮޑަށް އިހުމާލުވަމުން އަންނަކަމުގެ ތުހުމަތު ވެސް ކޮށްފައެެވެ. އެ ކުއްޖާގެ ބައްޕަ ވެސް ވަނީ އެ ހާދިސާގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. އޭނާގެ ބައްޕަ ލިޔެފައިވާގޮތުގައި، ހާދިސާގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ކުދިންގެ މައްސަލަ ބަލައި، އިންސާފު ހޯދައިދޭން ވަނީ ގޮވައިލައިފައެވެ. މި ހާދިސާއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގެ ރިޕޯޓު ލިބި، ސޯޝަލް މީޑިއާގައި މި މައްސަލައިގެ ވާހަކަ ދެކެވުމުގެ ކުރިން، މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ކުޑަކުދިންނާ ގުޅޭ މި ފަދަ މައްސަލަތަަކަކީ މިނިސްޓްރީން އިސްކަންދީގެން ބަލާނެ ކަންކަން ކަމަށެވެ. އަދި އަބަދުވެސް ހުރިހާ ކުޑަކުދިންގެ ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ބުންޏެވެ. ފުރާވަރަށް އަރަމުން އަންނަ ކުޑަކުދިންގެ ފަރާތުން އެ ކުދިންނަށްވުރެ ހަގު ކުދިން ބުލީކުރުން ފަދަ ކަންކަން ރާއްޖޭގައި މަދުން ނަމަވެސް، އަންނަނީ ފެންމަތިވަމުންނެވެ. ސްކޫލު މާހައުލާއި، މިސްކިތް ފަދަ ތަންތަނުގައި ވެސް މިފަދަ ކަންކަން ދޭތެރެދޭތެރެއިން ހިނގައެވެ. އަދި މައްސަލަ ބަލައި އެ ކަންކަމުގައި ހިމެނޭ ކުދިންނަށް ނަފްސާނީ އެހީ ފަދަ ކަންކަން ފޯރުކޮށްދެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ