ކޭޕާކް މައްސަލައިގައި އެޗްޑީސީން އެއްބާރުލުން ދިނަސް، ހަންބޯ ކުންފުނިން އެއްބާރުލުން ނުދޭކަމުގެ ތުހުމަތު
ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފުރިހަމައަށް އެއްބާރުން ދިނަސް، އެ ފުލެޓުގެ މަސައްކަތް ކުރާ ހަންބޯ ކުންފުނިން އެއްބާރުލުމެއް ނުދޭ ކަމަށް ކޭޕާކް ވިކްޓިމް ގުރޫޕުން މިއަދު ތުހުމަތުކޮށްފިއެވެ. މީގެ ހަތް އަހަރު ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016ވަނަ އަހަރު ހަންބޯއާ މަސައްކަތް ހަވާލުކުރިއިރު، އަދިވެސް އެ މަސައްކަތް ނުނިމެއެވެ. އެހެންވެ، އެ ތަންތަން ގަތް މީހުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. ކޭޕާކް ވިކްޓިމް ގުރޫޕްގެ ފަރާތުން 'ސަން'އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ގުރޫޕުގެ ފަރާތުން މިދިޔަ ހަފުތާގައި ކޭޕާކް މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ކޭޕާކް ފުލެޓުތަކުގެ އިވެލުއޭޝަނެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ކަމަށާއި އެ މައްސަލައިގައި އެޗްޑީސީން އެ ގުރޫޕަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް އެ މީހާ ބުންޏެވެ. އޭގެ އިތުރަށް، އެ ފުލެޓުތަކުން ވައްކަން ކުރާ މައްސަލަ ވެސް އެޗްޑީސީގެ ސަމާލުކަމަށް ކޭޕާކް ވިކްޓިމް ގުރޫޕުން ވަނީ ގެނެސްފައެވެ. https://sun.mv/208912 އެގޮތުން، ކޭޕާކް ފުލެޓުތަކުގެ އިވެލުއޭޝަނެއް ހަދަން އެޗްޑީސީން އެ ތަނަށް ދާނެކަން ހަންބޯ ކުންފުންޏަށް އޮތީ އަންގާފައެވެ. އެކަން ކުރަން ހަންބޯ ކުންފުނީގެ ދިވެހި ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ހުއްދަ ދިން ނަމަވެސް، އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާއަށް ނިސްބަތްވާ މީހަކަށެވެ. އެ މީހާގެ އާއިލާ މީހުން ހިމެނޭ ގޮތަށް މިހާރު ދިރިއުޅެނީ ކޭޕާކް ފުލެޓުތަކުގައިކަން ފާހަގަކޮށް، ކޭޕާކް ވިކްޓިމް ގްރޫޕުގެ ފަރާތުން ވާހަކަދެއްކި މީހާ ބުނީ އެ ތަނަށް މިއަދު ހެނދުނު 9:00 އެހާކަންހާއިރު ދިޔަ އެޗްޑީސީގެ މުވައްޒަފުން ވަންނަން ހުއްދަ ދީފައިނުވާ ކަމަށެވެ. "ހަމަ [ޗައިނާ ޑައިރެކްޓަރު] ފޯނު ވެސް ނުނެގީ. ދޮރުގައި ތަޅައިތަޅާ ދޮރު ވެސް ނުހުޅުވީ. އެކަމަކު، ދިވެހި ޑިރެކްޓަރު ބުނެފައި އޮތީ މިއަދު ހެނދުނު ވަދެވޭ ގޮތަށް ތިމަންނަ ހަމަޖައްސާނަމޭ. ޗައިނާ ޑިރެކްޓަރު ބޭނުމެއް ނުވޭ އެޗްޑީސީން ވެސް އެއްވެސް މީހަކު ވަންނާކަށް،" އޭނާ އިތުރަށް ތަފުސީލުކޮށްދިނެވެ. ކޭޕާކް ވިކްޓިމް ގުރޫޕުން ބުނީ، އެ ކަން އެނގުނީ ފޯކަލް ޕޮއިންޓުން ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އެ ފުލެޓުތަކަށް ދިޔުމުން ކަމަށާއި މާދަމާ ވެސް އެޗްޑީސީން އެ ފުލެޓުތަކަށް ވަންނަން މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ. https://sun.mv/208125 ފާހަގަކުރެވޭ ގޮތުގައި، ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ. އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރީ މަންޑޭއަށެވެ. ކޭޕާކް މައްސަލައިގައި ޖޫން 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އެކަމަކު، އޭގެ 10 ދުވަސް ފަހުން ޖުލައި ތިންވަނަ ދުވަހު ހަމަ އެ ކޯޓުން ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ދޫކޮށްލައިފައެވެ. ކޭޕާކް ފުލެޓުތަކުގެ މައްސަލައަށް މިހާރު ނުވަ އަހަރުވެފައިވާއިރު، އެ ފުލެޓުތަކަށް ބޮޑު އަދަދުތަކުން ފައިސާ ދެއްކި މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. އެ މީހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކޭޕާކް ފުލެޓު ގަތް މީހުންނަށް އިންސާފު ލިބޭނެ އަލިމަގެއް މިހާތަނަށް ފެނިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ