ސިނގިރޭޓް ވައްކަން: ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށް ދެ ކޮންޓޭނަރުގެ ބައެއް ބައިތައް ހޯދައިފި އެވެ.ފުލުހުން މިއަދު ހެދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިތުރު މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އެއީ 52 އަހަރުގެ ފިރިހެނެކެވެ. އެކަމަކު އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ތެރެއިން އޮކްޓޯބަރު 19، ގައި ތިލަފުށީގެ ސައިޓުތަކެއް ބަލައި ފާސްކޮށް، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ނޫހަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ތިލަފުށީގައި ކޮންޓެއިނަރުތައް ބަހައްޓާފައިހުރީ ރޫޅާލުމަށްފަހު ބައިތައް ވަކިވަކިންނެވެ.މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައި ރޭގައި ހައްޔަރުކުރި މީހާގެ އިތުރުން ހަތަރު މީހެކެވެ.އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯންޑިންގްސްގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40 އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ، 48 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ