''މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު''ގައި ބައިވެރިވާން ފުރުސަތެއް، އެއްވަނައަށް 6،000 ރުފިޔާ

އެއްވަނައަށް ހޮވޭ މީހަކަށް 6،000 ރުފިޔާ ލިބޭ، 'މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު'ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތުގެ މަގުސަދަކީ، އެ ރަށުގައި ރައްޔިތުން އުފައްދާ ކާބޯތަކެތީގެ މީރުކަން ހާމަކޮށް، އެ ތަކެތި މާކެޓުކޮށްދީގެން ރަށު ރައްޔިތުންނަށް ނަފާ ލިބޭނެ މާހައުލެއް އުފައްދައިދިނުމެވެ. ދަރަވަންދޫ ކައުންސިލުން ބުނީ، އެ މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހު 12ގެ 14:00ގެކުރިން، ކައުންސިލް މެންބަރު ފަރަހަ އާދަމް (9807544)އަށް ގުޅައިގެން ނަންނޯޓު ކުރެވޭނެ ކަމަށެވެ. ކުރިން ބޭއްވި މައުރަޒެއްގައި ކާބޯތަކެތި އަތުރާފައި: މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވާން ފުރުސަތު ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން ދަރަވަންދޫ ކައުންސިލުން ބުނީ، މި މައުރަޒުގައި ދެ ކެޓެގަރީއަކުން ވަނަތައް ހޮވާނެ ކަމަށެވެ. މިގޮތުން، އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ މީހުންނަށް އިނާމު ލިބޭއިރު، އެންމެ ގިނަ އައިޓަމް ބައިވެރިކުރާ މީހަކަށް ވެސް ފައިސާގެ އިނާމު ދިނުމަށް ދަރަވަންދޫ ކައުންސިލުން ވަނީ ނިންމާފައެވެ. ވަނަތަކަށްދާ މީހުންނަށް ލިބޭ އިނާމުތައް: އެއްވަނައަށް 6،000 ރުފިޔާ ދެވަނައަށް 4،000 ރުފިޔާ ތިން ވަނައަށް 2،000 ރުފިޔާ އެންމެ ގިނަ އައިޓަމް ހުށަހަޅާ ފަރާތަކަށް 5،000 ރުފިޔާ މި މައުރަޒު އޮންނާނީ އަންނަ މަހުގެ 17ގައި ދަރަވަންދޫ 'މަގޭ ބަގީޗާ'ގައެވެ. އެ މައުރަޒުގެ ގަވައިދުގައި ވަނީ، ވަނަތައް ހޮވާއިރު ބަލާނެ ކަންކަން ކިޔައިދީފައެވެ. މިގޮތުން، ދިވެހިންވަންތަކަމާއެކު އުފެއްދުންތެރިކަން ދައްކައިދީފައިވާ މިންވަރާއި ކާބޯތަކެތީގެ ރަހައާއި ތައްޔާރުކުރި ގޮތަށް ބަލާނެއެވެ. ހަމައެހެންމެ، ކާބޯތަކެތި އަތުރާފައިވާ ގޮތުގެ ދިވެހިންވަންތަކަމާއި ތިމާވެއްޓާ ރަޙުމަތްތެރި ގޮތުގައި ކާބޯތަކެތި ބަންދުކޮށްފައިވާ ގޮތުގެ އިތުރަށް، ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރީތިކަމަށް މި މައުރަޒުގައި މާކްސް ދޭނެއެވެ. އެ ގަވައިދުގައި ވަނީ، ކާބޯތަކެތީގެ ބާވަތަކީ ހުށަހަޅާ ފަރާތަކުން އުފައްދާފައިވާ އެއްޗެއް ނޫން ކަމަށް ޝައްކުވެއްޖެނަމަ، އެ މީހަކާ މައުރަޒުގެ ފަނޑިޔާރުން ސުވާލުކުރާނެ ކަމަށެވެ. އަދި އެއީ އަމިއްލަ އުފެއްދުމެއް ނޫންކަން ސާބިތުވެއްޖެނަމަ، އެ މީހަކު މައުރަޒުން ވަކިކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފައިވެއެވެ. މި އަހަރަކީ ދަރަވަންދޫއަށް ޒިޔަރާތް ކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރާއިރު، އެ ރަށަށް މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ޒިޔާރާތް ކުރުން ވެސް ކުލަގަދަކޮށް ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ