އަލަވޭޒް ބަލިކޮށް ރެއާލުން ބާސެލޯނާއާ 4 ޕޮއިންޓު ގާތަށް

ސްޕެނިޝް ލަލީގާގައި ރޭ އަލަވޭޒް ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަަނައިގައި އޮތް ބާސެލޯނާއާއި ގާތަށް ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ގިނަ ފާޑުކިޔުންތަކާއެކު ރެއާލުން މި މެޗާ ކުރިމަތިލިއިރު، ގިނަ ބަޔަކު ވަނީ މި މެޗުގައިވެސް ރެއާލުގެ ފަރާތުން ދަށް ކުޅުމެއް ފެނުނުކަން ފާހަގަކޮށްފައެވެ. އެއާއެކު އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހެނީ ޓީމުގެ ހެޑް ކޯޗު ޒަބީ އަލޮންސޯއަށެވެ. މި މޮޅާއެކު ރެއާލް މެޑްރިޑު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލީ ކުޅުނު 17 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެވެ. ތާވަލުގެ އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 43 ޕޮއިންޓާއެކު އެވެ. ރެއާލް އެންމެފަހުން ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗާއި ސެލްޓަވީގޯ އަތުންވެސް ވަނީ ބަލިވެފައެވެ. އަލަވޭޒް ކޮޅަށް ރެއާލުން ލީޑުނެގީ 24 ވަނަ މިނިޓުގައެވެ. މިއީ ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އެއާއެކު މި ލަނޑު ވެފައިވަނީ މި ސީޒަނުގައި ރެއާލަށް އޭނާ ޖަހައިދިން 17 ވަނަ ލަނޑަށެވެ. އަލަވޭޒް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 68 ވަނަ މިނިޓުގައެވެ. މިއީ އެ ޓީމުގެ ކާލޯސް ވިސެންޓޭ ޖެހި ލަނޑެކެވެ. ރެއާލުން ތިން ޕޮއިންޓު ކަށަވަރުކުރި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ރޮޑްރިގޯ ކާމިޔާބުކޮށްފައިވަނީ ވިނިޝިއަސް ޖޫނިއާ ދިން ޕާހަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ