ހިޔާލުފާޅުކުރުން ހަނިކުރާ ބިލަށް ވޯޓު ނުދިނުމަށް މައުމޫން އެދިވަޑައިގެންފި

ޚިޔާލުފާޅުކުރުން ހަނިކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ވޯޓު ނުދިނުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ. ޕީޕީއެމްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅަފައިވާ އެ ބިލަށް ވޯޓް ނުދެއްވުމަށް އެދިވަޑައިގެން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ރައީސް މައުމޫން މިއަދު ވަނީ މެސެޖެއް ކުރައްވާފައެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރަކު މިއަދު "ސަން"އަށް ވިދާޅުވީ އެކަމާ ގުޅިގެން އެ މެމްބަރުންގެ ވައިބާ ގުރޫޕެއްގައި ވަރަށް ފޯރިގަދަވި ކަމަށެވެ. ގިނަ މެމްބަރުން ދަނީ ފާޅުގައި އެ ބިލަށް ތާއީދު ކުރައްވަމުންނެވެ. ޕީޕީއެމް މެމްބަރުންގެ ތެރެއިން ސީދާ އެބިލަށް ދެކޮޅު ހައްދަ ވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއެވެ. ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިމަނާ ރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ. ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ